އަންނަ ހޯމަ ދުވަސްކަމަށްވާ އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއަހަރުގެ ބޮޑު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަން ހަމަޖެހިފައިވަނީ ކުރިން ވެސް ބޮޑު ޖަމާއަތް އޮންނަ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ކަމަށެވެ.

މިފަހަރު ފިރިހެން ބޭފުޅުން އީދު ނަމާދު ކުރުމަށް ހާއްސަ ކޮށްފައިވަނީ ސްޓޭޑިއަމްގައި އޮންނަ ޓާފް ދަނޑު ސަރަހައްދެވެ. އަދި އަންހެން ބޭފުޅުން ނަމާދު ކުރުމަށް ތައްޔާރުކުރެވޭނީ ޓާފް ދަނޑާއި ޖެހިގެން އޮންނަ ވެލި ދަނޑު (ފުޓްސަލް ކުޅޭ ދަނޑު) ސަރަހައްދެވެ.

ނަމާދަށް ވަޑައިގަންނަވާ ފިރިހެން ބޭފުޅުންނާ އަންހެން ބޭކަނބަލުން ނަމާދުކުރާ ސަރަހައްދަށް ވަނުމަށް ވަކި ހާއްސަ ދޮރުތަކާއި ގޭޓުތައް ހަމަޖައްސާފައި ހުންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މިނިސްޓްރީން ބުނީ، އީދު ނަމާދަށް އެންމެހާ ފަރާތްތަކުން ވެސް ފައިމަގުގައި ވަޑައިގަތުމަކީ އެ މިނިސްޓްރީގެ އެދުމެއް ކަމަށެވެ.

ނަމަވެސް ސައިކަލުގައި ވަޑައިގަންނަވާ ފަރާތްތަކަށް ސައިކަލު ޕާކު ކުރެވޭނެގޮތަށް ކަޅުތުއްކަލާ ކޮށްޓާ ދިމާލަށްވާގޮތަށް ސްޓޭޑިއަމްގެ ކަނުގައި އޮތް ވެލި ދަނޑާއި ކުޅިވަރު އެކުވެންޏާ އިންވެގެން އޮތް ހުސް ބިން ކަނޑައެޅިފައި އޮންނާނެ އެވެ.