ރާއްޖޭގެ ގިނަ ބައެއްގެ ތެރޭގައި މަގްބޫލް ބޮޑުބެރު ގްރޫޕް، ރާޅުގަނޑު ބޮޑުބެރު ގުރޫޕަށް ޗައިނާގައި ބާއްވާ ފެސްޓިވަލެއްގައި ހުށަހެޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.

މިއީ ވަރުނުލާ ބޮޑުބެރު ގްރޫޕުގެ ނަމުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ރީބްރޭންޑް ކުރުމަށްފަހު އެ ގްރޫޕު ރާއްޖޭން ބޭރަށްދާން ލިބުނު ފުރަތަމަ ފުރުސަތެވެ. އެ ގްރޫޕް ޗައިނާއަށް ފުރާފައިވަނީ އިއްޔެ އެވެ.

ޗައިނާގައި ހުރެ "ސަން" އަށް މައުލޫމާތު ދެމުން ރާޅުގަނޑު ބޮޑުބެރު ގްރޫޕުގެ ފައުންޑާ މެމްބަރު ހައްމާދު ރަޝީދު (ހަމްޕު) ބުނީ، ޗައިނާގެ ބެއިޖިންގައި ބާއްވާ ޗައިނާގެ ފެސްޓިވަލެއްގައި ކުޅުމުގެ ފުރުސަތަކީ އަމިއްލަ ފަރާތަކުން ދިން ފުރުސަތެއް ކަމަށެވެ.

ވަރުނުލާ ގްރޫޕް ވުޖޫދަށް އައިތާ ހަ އަހަރު ވެފައިވާ އިރު އެ ގުރޫޕް ރީބްރޭންޑް ކުރުމަށްފަހު ހިންގުން ވަރުގަދަކޮށް، ބޮޑުބެރުގެ ރަހަ އެކުލެވިގެން ޒަމާނީ ލަވަތަކެއް ހިމަނައިގެން ވީޑިއޯ އަލްބަމެއް ނެރެން ތައްޔާރުވަމުންނެވެ.

ހަމްޕު ބުނީ، ރާޅުގަނޑު ބޮޑުބެރު ގްރޫޕުން ނެރެން ނިންމާފައިވާ އެ ވީޑިއޯ އަލްމަބްގެ ޕްރޮމޯޝަނަލް ލަވަ، އަޟްހާ އީދު ދުވަހު ރިލީޒްކުރާނެ ކަމަށެވެ. އަދި ކުރިއަށް ވެސް އެ ގްރޫޕުގެ ފަރާތުން އިތުރު ސަޕްރައިޒް ތަކެއް ފެނިގެންދާނެ ކަމަށް ބުންޏެވެ.

ޓީވީއެމް އިން ބާއްވަމުން އަންނަ ބޮޑުބެރު ޗެލެންޖުގައި މިދިޔަ އަހަރުގެ ދެ ވަނަ ހޯދާފައިވާ ވަރުނުލާގެ ނަމުގައި އެ ގްރޫޕުން ވަނީ ބައިނަލްއަގްވާމީ މައިދާންތަކުގައި ވެސް ރާއްޖެ ތަމްސީލު ކޮށްދީފަ އެވެ.

އެގޮތުން، މިސްރުގެ ގާހިރާގައި ބޭއްވި ބައިނަލްއަގްވާމީ ޑްރަމް ފެސްޓިވަލްގައި އެ ގްރޫޕުން ވަނީ ދެ އަހަރު ބައިވެރިވެފައިވާއިރު، 2013 ވަނަ އަހަރު ޖަޕާން އާޓް އެގްޒިބިޝަންގައި މުނިފޫހިފިލުވުމުގެ ބައިގައި ބެރުޖެހުމުގެ ހުނަރު ދައްކާލުމުގެ ފުރުސަތަކާއި ސަރުކާރުގެ ފަރާތުން ކޮރެއާގައި ބޭއްވި ކޮރެއާ އެކްސްޕޯގައި ވެސް އެ ގްރޫޕުން ވަނީ ބައިވެރިވެ ހުނަރު ދައްކާލައިފަ އެވެ.