ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ފާހަގަކޮށް އަލްޖަޒީރާ އިން "ސްޓީލިން ޕެރަޑައިސް"ގެ ނަމުގައި ނެރުނު ރިޕޯޓުން ފޫނުބެދޭ މައްސަލައެއް ފާހަގަވެއްޖެ އެވެ.

އެރިޕޯޓުގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ފޯނުން ފެނުނު ކަމަށް ބުނާ މެސެޖުތަކުގެ ތެރެއިން މެސެޖެއްގައި ބުނަނީ 2014 ވަނަ އަހަރު އޮގަސްޓް މަހު އަށް ވަނަ ދުވަހުގެ 7:25ގައި "އޮޑިޓާ ޖެނެރަލް އަށް ފޯކަސް ކުރަން ޖެހޭ" ކަމަށް ބުނެ އަދީބް ފުލުހުންގެ ސުޕެޝަލް ފޯސް(އެސްއޯ)ގައި އުޅޭ ފުލުހަކަށް މެސެޖެއް ކުރާ ކަމަށެވެ. އޭގެ މިނެޓެއް ފަހުން ފުލުހުންގެ މީހާ ޖަވާބަކަށް ބުނާ ކަމަށް ރިޕޯޓުގައި ބުނަނީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދީބު އެވަގުތު އަނެއްކާ ވެސް ބުނަނީ "އޮޑިޓާ ޖެނެރަލް ތަކުރާރުކޮށް އަހަރެމެންނަށް ދަތިކުރޭ، އެތަން ރޯކޮށްލަން" ޖެހޭ ކަމަށެވެ.

އެރޭވުންތަކަށް އެއް މަސް ފަހުން އެ އަހަރު ސެޕްޓެމްބަރު މަހު 22 ވަނަ ދުވަހުގެ 11:53ގައި "އަހަރެމެން އެތަން [އޮޑިޓް އޮފީސް] ބަލައިފިން، ހުރިހާތަނެއްގައި ބައިވަރު ކެމެރާ ހުރި" ކަމަށް އަދީބު ކައިރި ބުނެ އެވެ. އެ ދުވަހު 14:44ގައި އަދީބް ރިޕްލައި ކުރަމުން ބުނަނީ "ކޮންމެ އަގެއްގައި ވިޔަސް އެތަން [އޮޑިޓް އޮފީސް] ގޮއްވާލަން ބޭނުން." ކަމަށެވެ.

ދެން މިއަންނަނީ ފޫނުބެދޭ ހިސާބެވެ. އަދީބު އެހެން ބުނާ ކަމަށް ރިޕޯޓުގައި ދައްކާ މެސެޖުގައި ބުނަނީ އެ ދުވަހު 14:44 ގަ އެވެ. އަދި އެކަން ކުރަން ހިނގާށޭ ބުނެ ފުލުސް މީހާ ކުރާ ރިޕްލައި ކަމަށް ބުނެ ދައްކާ ރިޕުލައިގައި ބުނާ ގޮތުން "އެކަން ކުރަން ހިނގާ" ށޭ ބުނެ އެސްއޯ މީހާ އަދީބަށް ރިޕްލައި ކުރެ އެވެ. އެ މެސެޖު ފޮނުވާފައި ވަނީ، އަދީބު އެކަން ކުރަން ޖެހޭ ކަމަށް ބުނުމުގެ ގަޑިއެއްހާ އިރު ކުރިން، އެ ދުވަހުގެ 13:11ގަ އެވެ. އެހެންކަމުން ރިޕޯޓުގެ މެސެޖް ބުނާ ގޮތުން އަދީބް ގޮއްވާލަން ބުނުމުގެ ކުރިން އެކަން ކުރަން ހިނގާށޭ އެސްއޯ މީހާ އެވަނީ ބުނެފަ އެވެ.

އަލް ޖަޒީރާ އިން ނެރުނު ރިޕޯޓާ ގުޅިގެން ތަފާތު ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް އެރިޕޯޓަށް ތާއީދުކޮށް އިންޓަވިއު ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް މައުމޫން އިދިކޮޅު ފަރާތްތަކާ ގުޅުމަށް ފައިސާ ދެއްވި ކަމަށް ބުނެ އެރިޕޯޓާ އެކު އަލްޖަޒީރާ އިން ނެރުނު ހަބަރެއް އެދެ ބޭފުޅުން ދޮގުކުރާތީ ވެސް ރިޕޯޓާ މެދު ޝައްކުކުރެ އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލަ ތަހުގީގުކުރުމަށް އެހާ ބޮޑަށް މަސައްކަތް ނުކުރުމަށް ރައީސް ޔާމީން އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެންގެވި ކަމަށް ބުނާ ވާހަކަ ރައީސް ޔާމީން އާއި ވާދަވެރި އުމަރު ވެސް ވަނީ ދޮގުކޮށްފަ އެވެ.

މަރުކަޒީ ބެންކް އެމްއެމްއޭ އަށް ކޮށްފައިވާ ތުހުމަތުތައް އެ ބޭންކުން ދޮގުކުރާ އިރު އެމްއެމްއޭގެ ބަހެއް ހޯދަން އުޅެ ނުލިބުނު ކަމަށް ރިޕޯޓުގައި ބުނާ އިރު އެމްއެމްއޭ އިން ބުނީ އެ ބޭންކުގެ ބަހެއް ހޯދަން އަލްޖަޒީރާ އިން މަސައްކަތް ނުކުރާ ކަމަށެވެ.