09 Sep 2016, 18:06
ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާ އަށް ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)އިން 190 މިލިއަން ޔޫރޯގެ އަގެއް ހުށަހެޅި ކަމަށް އޭނާގެ އެޖެންޓް ބުނެފި އެވެ.
ނޭމާގެ އެޖެންޓް ވެގްނާ ރިބޭރޯ ބުނެފައިވާ ގޮތުން ޕީއެސްޖީގެ އެ ހުށަހެޅުމާ އެކު ނޭމާ އަށް ހަފްތާއަކު 767،000 ލިބިގެންދާނެ އެވެ.
ރިބޭރޯ ބުނީ، ނޭމާ އަށް ހުށަހެޅުމެއް އައިސްފައި ވަނީ ހަމައެކަނި ޕީއެސްޖީން ނޫން ކަމަށާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ވެސް އޭނާ ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާ: އޭނާ ގެންދިއުމަށް ޕީއެސްޖީ އާއި މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތްކޮށްފައިވާ ކަމަށް އޭނާގެ އެޖެންޓް ބުނޭ ---
"ނޭމާ ޕީއެސްޖީއާ ގުޅުމާ ވަރަށް ގާތަށް ދިޔަ. އެ ހުށަހެޅުމުގައިވާ ގޮތުން ނޭމާ އަށް އަހަރަކު 40 މިލިއަން ޔޫރޯ ލިބޭނެ. ޕީއެސްޖީން ތައްޔާރުވީ 190 މިލިއަން ޔޫރޯ އަށް ނޭމާ ގަންނަން. ޔުނައިޓެޑުން ވެސް އޭނާ ގެންދިއުމާ ގާތަށް ދިޔަ،"އީއެސްޕީއެންއަށް ނޭމާގެ އެޖެންޓް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
ރިބޭރޯ ބުނީ، އެ ދެ ކްލަބުން ބޮޑު ހުށަހެޅުމެއް ލިބުނަސް ބާސެލޯނާއާ އެކު ނޭމާ ކޮންޓްރެކްޓް އާކޮށްފައި ވަނީ އެ ހުށަހެޅުންތަކަށްވުރެ ކުޑަ އަގަކަށް ކަމަށެވެ.
ނޭމާ އަށް ރެކޯޑް އަގެއް ހުށަހެޅި ކަމަށް ނޭމާގެ އެޖެންޓް ބުނި ނަމަވެސް، ޕީއެސްޖީން އެ ވާހަކަތައް ދޮގުކުރާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާ: އޭނާ ގެންދިއުމަށް ޕީއެސްޖީ އާއި މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތްކޮށްފައިވާ ކަމަށް އޭނާގެ އެޖެންޓް ބުނޭ ---
އުމުރުން 24 އަހަރުގެ ބްރެޒިލް ފޯވަޑް ނޭމާ ބާސާއާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައިވާ އިރު، އެ ކްލަބާ އެކު ނޭމާ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 2021 ވަނަ އަހަރު އެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން ނޭމާ ގަތުމަށް ފުރަތަމަ އަހަރަށް ފަހު 200 މިލިއަން ޔޫރޯ ދައްކަން ޖެހޭ އިރު، 2018 ވަނަ އަހަރަށްފަހު އޭނާ ގަތުމަށް ބޭނުންވާ ނަމަ 222 މިލިއަން ޔޫރޯ ދައްކަން ޖެހެ އެވެ. އަދި 2019 ވަނަ އަހަރު އެ އަގު 250 މިލިއަން ޔޫރޯ އަށް ބޮޑުވެގެންދާނެ އެވެ.