02 Jun 2011, 15:08
މާލޭގައި ހިންގާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ޗެކް ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިއްޔެ ފަށައިފި އެވެ.
"ކާބޯތަކެތީގެ ރައްކާތެރިކަން- އެންމެންގެ ޒިންމާ އެއް" މި ޝިޢާރުގެ ދަށުން މާލޭގައި ހިންގާ ހޮޓާ ކެފޭ އަދި ރެސްޓޯރެންޓް ފަދަ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަން ޗެކް ކުރުމަށް ފެށި މިޕްރޮގްރާމް އިފްތިތާހު ކޮށްދެއްވާފައި ވަނީ ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލެވެ.
އިއްޔެ ފެށި ޕްރޮގްރާމްގެ ދަށުން މާލޭގައި ހިންގާ ކާބޯތަކެތީގެ ޚިދުމަތް ދެމުން އަންނަ ތަންތަނުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ 530 ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތައް ޗެކް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެގޮތަށް ޗެކްކުރާ ތަންތަން ގަވާއިދާ ޚިލާފަށް ހުރެއްޖެ ނަމަ އެފަދަ ތަންތަން ބަންދުކުރުމަށް ނިންމާފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
އެ އޮތޯރިޓީން ކާބޯތަކެތީގެ ވިއްކާ ތަންތަން ޗެކް ކުރަނީ ހަ ގުރޫޕަކަށް ބަހާލައިގެން ދުވާލަކު 20 ތަނެއް ޗެކް ކުރާގޮތަށް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
އެ ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ކާބޯތަކެތި އުފައްދާ ތައްޔާރުކޮށް ވިއްކާ ތަންތަނުގެ ސާފުތާހިރުކަން ކުޑަ ކަމުގެ ޝަކުވާ އާންމު ފަރާތްތަކުން ކުރަމުންދާ ކަމަށެވެ. އަދި މިކަންތައް ހައްލު ކުރެވޭނީ އެންމެންގެ ޒިންމާ އަކަށް ހަދައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެމްއެފްޑީއޭ އިން ވަނީ 2007 ވަނަ އަހަރު ވެސް މިފަދަ ޕްރޮގްރާމެއް މާލޭގައި ހިންގާފަ އެވެ.
ފަހަކަށް އައިސް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާ ބެހޭ ގޮތުން އެފްޑީއޭ އަށް އާންމުންގެ ފަރާތުން ޝަކުވާ ހުށަހަޅަމުންދާ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެ އެވެ.