09 Sep 2016, 15:54
ގ.އެސްބަރީގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކު ހާލުގައިޖެހި ފައިވާއިރު އެމީހުން ގެއަށް އަނބުރާ ދެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.
އެސްބަރީގައި ހިނގި އަލިފާނުގެ ހާދިސާގައި ތިން ގެއަކަށް ގެއްލުންތަކެއް ވެފައިވާއިރު 14 ފިރިހެނުންނާއި ހަތް އަންހެނުންނަށް ވަނީ މާލޭގެ ހޮޓަލަކުން އެކޮމެޑޭޝަން ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ސްކޫލަށްދާ ފަސް ކުދިން ހިމެނެއެވެ.

ޑިޒާސްޓާގެ ޑިރެކްޓަރު ހިސާން ހަސަން ސަން އަށް ވިދާޅުވީ އެގެތަކަށް ލިބިފައިވާ ގެއްލުންތަކުގެ އެސެސްމަންޓް މައުލޫމާތު ނަގައި ނިންމާފައިވާ ކަމަށާއި އެސެސްމަންޓް ނަތީޖާ ލިބޭނީ މާދަމާ ކަމަށެވެ. ހާލުގައި ޖެހުނު ފަރާތްތައް އަނބުރާ ގެތަކަށް ވަދެވޭނެ ދުވަހެއް ބުނަން އިނގޭނީ ނަތީޖާއަށްފަހު ކަމަށް ހިސާން ވިދާޅުވިއެވެ.
"މަރާމާތު ކޮށްގެން ކިހާ ދުވަހެއް ތެރޭގައި ވަދެވޭނެތޯ މިފަދަ ކަންކަން ބަލަމުން ދަނީ، ގެއްލުންތަކަށް ބަލާފައި އަޅުގަނޑުމެންނަށް މުއްދަތެއް ދެވޭނީ، އެކަންތައްތަކަށް ބަލާފައި އެނގޭނީ،" ހިސާން ވިދާޅުވިއެވެ.

އަލިފާންރޯވި އެސްބަރީގެ އެޕާޓްމަންޓަށް ބޮޑު ގެއްލުންތަކެއްވެފައިވާއިރު ބޮޑު މަރާމާތަކަށްފަހު ނޫނީ އެތަން ބޭނުމެއް ނުކުރެވޭނެއެވެ. ދުވަސްވީ އެއިމާރާތުގައި 13 ބަޔެއް ހުންނައިރު އެކިބައިތަކަށް ވަނީ އެކިވަރުގެ ގެއްލުންތައްވެފައެވެ. އަދި ކައިރިގައި ހުރި ދެ ގެއަކަށްވެސް ވަނީ ގެއްލުންތައްވެފައެވެ.
އެސްބަރީގައި ހިނގި އަލިފާނުގެ ހާދިސާއާއެކު އެގޭގެ ފެނާއި ކަރަންޓްވެސް ވަނީ ކެނޑިފައެވެ.
އެސްބަރީގައި ކަރަންޓް ޝޯޓެއްވެގެން ހިނގި ކަމަށް ބެލެވޭ އެ ހާދިސާގައި ގ.އަސޭނާ އާއި، ގ. މެމޯރީ ވިލާއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.