09 Sep 2016, 15:56
މޯލްޑިވްސް ޔުނައިޓެޑް އޮޕަޒިޝަން (އެމްޔޫއޯ)އިން ރޭ މާލޭގައި ކުރި މުޒާހަރާ ގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 13 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކުރީ ރައްޔިތުން މަޖިލީހުގެ ކެދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު އީސަ އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދުގެ އިތުރުން މާޒިޔާ ސްޕޯޓްސް ކުލަބް އަދި ގައުމީ ޓީމުގެ މިޑްފިލްޑަރު އައްސަދު އަލީ އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ސަން އަށް މިއަދު ވިދާޅުވީ، އެ ތިން މީހުން ވެސް ހައްޔަރުކުރީ މުޒާހަރާ އާ ގުޅިގެން ނޫން ކަމަށާއި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއްވި އެވެ.
އިސްމާއިލް އަލީ ވިދާޅުވީ، ރޭގެ މުޒާހަރާގައި ހައްޔަރުކުރި އެންމެން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ރޭގެ މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ރާއްޖެޓީވީ އާއި ސަންގްޓީވީގެ ހަތަރު ކެމެރާމަނުން ވެސް ވަނީ ރޭ ދަންވަރު ދޫކޮށްލާފަ އެވެ.