09 Sep 2016, 15:11
މޯލްޑިވްސް ޔުނައިޓެޑް އޮޕަޒިޝަން (އެމްޔޫއޯ)އިން ރޭ މާލޭގައި ކުރި މުޒާހަރާ ކަވަރު ކުރަން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ރާއްޖެޓީވީ އާއި ސަންގްޓީވީގެ ހަތަރު ކެމެރާމަނުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ވިދާޅުވީ، ހައްޔަރުކުރި ހަތަރު ނޫސްވެރިންނާ ވާހަކަ ދެއްކުމަށް ފަހު ރޭ ދަންވަރުގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. ހައްޔަރުކުރި ހުރިހާ ނޫސްވެރިން ވެސް ހައްޔަރުކުރީ މުޒާހަރާގެ މަންޒަރުތައް ވަގުތުން ފޮނުވަމުން ދަނިކޮށެވެ.
ރޭ 12:15 އެހާކަންހާއިރު މަޖީދީމަގު، ޑިލައިޓް ކުރިމަތިން އެ ކެމެރާމަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެ އެވެ.

ސެޕްޓެމްބަރ 8، 2016: އިދިކޮޅު އިއްތިހާދުން ކުރި މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ކެމެރާމަނަކު ދުރަށް ޖެއްސުމަށް ފުލުހަކު މަސައްކަތް ކުރަން ފެށުމުން، ކެމެރާމަން އެކަމަށް ދެކޮޅު ހަދަނީ: މުޒާހަރާ ކަވަރު ކުރަން ހަރަކާތްތެރިވި ހަތަރު ނޫސްވެރިޔަކު ފުލުހުން ހައްޔަރު ކުރި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އިސްމާއިލް އަލީ ވިދާޅުވީ، "ފުލުހުންނާ ކުރިމަތިލުމުން ހައްޔަރުކުރި ނޫސްވެރިންނަކީ ނޫސްވެރިންކަމަށް ގަބޫލުނުކުރާ ކަމަށާއި ފުލުހުންނާ ކުރިމަތިލާ ނޫސްވެރިންގެ ފާސް އަޅުވައިގެން ހަރަކާތްތެރިވި އެކްޓިވިސްޓުން" ކަމަށެވެ.
ރޭގެ މުޒާހަރާގައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުޒާހަރާ ކުރަން އުޅުނު ނުވަ މީހަކު އަދިވެސް ތިބީ ފުލުހުންގެ ހައްޔަރުގަ އެވެ. އަދި އެމީހުންނަށް މުއްދަތު ޖަހާނެ ކަމަށް ފުލުހުން ބުނެ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ތިން މީހަކު ވެސް ހިމެނޭ ކަމަށް އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ. ނަމަވެސް އެމީހުންގެ ތަފްސީލެއް ފުލުހުން ހާމައެއްނުކުރެ އެވެ.
މާލޭގައި މުޒާހަރާ ކުރުމަކީ މަނާ ކަމެއްގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވަނިކޮށް ސަރުކާރާ ދެކޮޅަށް މޯލްޑިވްސް ޔުނައިޓެޑް އޮޕަޒިޝަނުން ރޭ މުޒާހަރާ ކުރީ އަލްޖަޒީރާ އިން އާންމު ކުރި ތަހުގީގީ ޑޮކިއުމެންޓްރީ، "ސުޓީލިން ޕެރަޑައިޒް"ގައި ކުރި ތުހުމަތުތައް ތަހުގީގު ކުރުމަށް ގޮވައިލަ އެވެ.
ހޯމް މިނިސްޓްރިން އިއްޔެ ކަނޑައަޅާފައި ވަނީ ފުލުހުންގެ ހުއްދަ ހޯދައިގެން މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށެވެ.