ހިމާޔަތްކޮށްފައިވާ މިޔަރު ހިފައި އޭގެ އުރަހަ ވިޔަފާރީގެ ގޮތުގައި ބޭނުންކުރަން އުޅެނިކޮށް ހުއްޓުވައި އެމައްސަލަ ބަލަން ފަށައިފިއެވެ.

ހދ. ކުޅުދުއްފުށީގައި މިޔަރު އުރަހަ ހިއްކައި އޭގެ ވިޔަފާރި ކުރާތީ އެކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އެރަށު ބަޔަކު ވަނީ ސަމާލުކަމަށް ގެނެސްފައެވެ. އަދި އެމައްސަލަ އެންވައިރޮމެންޓް މިނިސްޓްރީއާއި އެންވައިރޮމެންޓް ޕުރޮޓެކްޝަން އެޖެންސީ(އީޕީއޭ) އަށް ވަނީ އަންގާފައެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީގައި ބަޔަކު ގިނަ އަދަދެއްގެ މިޔަރު ހިފައި ލޮނުމަސް އަޅަމުން ގެންދާކަމަށެވެ. ކުޅުދުއްފުށީ އުތުރުކޮޅު ލޮނުމަސް އަޅާ ސަރަހައްދުގައި މިޔަރުގެ، މަހާއި އުރަހަ ލޮނުއަޅާ ހިއްކަން ބަހައްޓާފައި ހުއްޓާ ފުލުހުންނަށް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެތަނުން 92 އުރަހަ އާއި މިޔަރު މަސްކަމަށް ބެލެވޭ 42 މަސްބުރި ފުުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މިޔަރު އަދި ވެލާފަދަ ތަކެއްޗަކީ ހިމާޔަތްކޮށްފައިވާ ތަކެތި ކަމުގައިވި ނަމަވެސް އެތަކެތި ހިފައި ކައިހެދުމަކީ ވަރަށް އާންމު ކަމެކެވެ.