02 Jun 2011, 14:38
ސަރުކާރުން ކަނޑައަޅައިގެން ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަކީ ސަރުކާރުގެ ސިޔާސަތެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ހިންގަވާ އިގުތިސާދު އިސްލާހު ކުރުމުގެ ޕްރޮގްރާމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ތަކެތީގެ އަގު ކަނޑައެޅުމަކީ ރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމެއް ކަމަށް ސަރުކާރު ގަބޫލު ނުކުރާ ކަމަށެވެ. އަދި ތަކެތީގެ އަގު ސަރުކާރުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި ގައުމުތަކަށް ދިމާވެފައި ވަނީ ވަރަށް ނިކަމެތި ގޮތެއް ކަމަށެވެ. އަދި އެފަދަ ގައުމުތަކަށް ކުރިތިވެފައި ވަނީ މިނެކިރުމުގައި މަކަރު ހެދި ގައުމުތަކަށް ދިމާވި ފަދަ ކަންތައްތަކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުގެ އަމާޒަކީ އާއްމު ވިޔަފާރި ތަރައްގީކުރުން، އާއްމު ރައްޔިތުންގެ އާމްދަނީ އިތުރުކޮށްދިނުން. ސަރުކާރުގެ ރިޒާވް އިތުރުކުރުވުން، އަދި ސަރުކާރަށް އޯޕަން މާކެޓްގައި އޮޕަރޭޓްކުރެވިގެން ރުފިޔާގެ އަގަށް އެއިރަކަށް ގެންނަން ބޭނުންވާ ބަދަލެއް ގެނައުން،" ތަކެތީގެ އަގު ތިރިކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ހާމަކުރައްވަން ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތަކެތީގެ އަގު ސަރުކާރުން ކަނޑައަޅައިގެން ކޮންޓްރޯލްކުރުމަކީ ސަރުކާގެ ސިޔާސަތެއް ނޫން ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މާލީ އިދާރާތަކުގައި ވެސް ރައީސް ދަންނަވަމުން އަންނަނީ ސަރުކާރުގެ ހަރަދު ބޮޑުކަމަށް ދައްކަނީ އާމްދަނީ މަދުވީމާ ކަމަށެވެ.
"އަޅުގަނޑު އެހެން މާލީ އިދާރާތަކުގައި ވެސް ދަންނަވަމުން މިއަންނަނީ ހަރަދު ބޮޑުކަމަށް އަޅުގަނޑުމެންނަށް މިފެންނަނީ އާމްދަނީ ކުޑަކަމުންނޭ. އެއީ އާމްދަނީއާ ހަރަދު މިއަޅުވަނީ." ސަރުކާރުގެ ހަރަދު ބޮޑު ނޫންކަމުގެ މައްޗަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދަކީ ވަރަށް ކުޑަކުޑަ މަދު އަދަދެއް ކަމަށެވެ. އެގޮތުން މުލީއާގޭ ސްޓާފުންނާއި ރައީސް އޮފީހުގެ ސްޓާފުން ނުލައި 100 މުވައްޒަފުން ވެސް ސިޔާސީ މުވައްޒިފުންގެ ގޮތުގައި ރައީސް އެޕޮއިންޓް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވުމަށް ފަހު ރައީސް ވިދާޅުވީ އެކަމުގެ ދިފާއުގައި ވާހަކަފުޅު ދައްކަވަން ބޭނުންފުޅު ވެވަޑައިނުގަންނަވާ ކަމަށެވެ.
އެމްޑީޕީ ސަރުކާރުގެ ސިޔާސަތަކީ ފްރީ މާކެޓް ވިޔަފާރިއަށް ސަޕޯޓް ކުރުން ކަމަށް ވިދާޅުވެ، ރައީސް ވާހަކަ ދެއްކެވި އިރު، ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން މަސައްކަތް ކުރަމުން އަންނަނީ، އެތަނުގެ ވިޔަފާރި ފުޅާކޮށް، އަދި ގިނަ ބާވަތްތަކެއްގެ ކާބޯތަކެ ހެޔޮއަގުގައި ރޯދަ މަހު ވިއްކުމަށް ރާއްޖެ އަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.