09 Sep 2016, 13:36
މަޝްހޫރު ފަރާތްތަކާއި އެކު ވާހަކަދައްކައި ގުޅުން ބަދަހި ކުރުމަށް ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ގެނެސްދޭ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" އަލުން އެނބުރި ޓީވީ އަށް އަންނަން ތައްޔާރުވެފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ޝޯވ އުފައްދާ ފަރާތްތަކުން އެކަން ކަށަވަރުކޮށްދީފައި ވާއިރު، ޝޯވ މެދުކެނޑިފައި އޮންނަތާ މިހާރު ދެ އަހަރު ވެއްޖެ އެވެ. ކުރިއަށް އޮތީ އެ ޝޯވ ގެ ފަސް ވަނަ ސީޒަނެވެ.
"ކޮފީ ވިތު ކަރަން" އަކީ މަޝްހޫރު ފަރާތްތަކުގެ ވަރަށް ޕާސަނަލް ވާހަކަތައް ވެސް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ޝޯވ އެކެވެ.
ޚަބަރުތައް ބުނާގޮތުން ފަސް ވަނަ ސީޒަންގެ ފުރަތަމަ މެހެމާނެއްގެ ގޮތުގައި ޝޯވ އިން ފެނިގެންދާނީ އަރަމުން އަންނަ ހުނަރުވެރި އެކްޓަރު ފަވާދު ޚާން އެވެ.

ފަވާދު ޚާން ---
ނަމަވެސް މި އަހަރުގެ މާޗު މަހު ކަރަން ވަނީ "ކޮފީ ވިތު ކަރަން" ގެ ފަސް ވަނަ ސީޒަން ފަށާނީ ޝާހު ކަމަށް ބުނެފަ އެވެ.
"ކޮފީ ވިތު ކަރަން" ގެ ފުރަތަމަ ސީޒަނާއި ދެވަނަ ސީޒަނުގައި އެންމެ ފުރަތަމަ މެހެމާނެއްގެ ގޮތުގައި ފެނިގެން ދިޔައީ ޝާހު ރުކް ޚާން އެވެ. އަދި ތިން ވަނަ ސީޒަނުގައި ވެސް ޝާހު ފެނިގެން ދިޔަ ނަމަވެސް ހަތަރު ވަނަ ސީޒަނުގައި ޝާހު ހިމަނާފަ އެއް ނުވެ އެވެ.
އެހެންކަމުން ސީޒަން ފަހެއްގެ ފުރަތަމަ އެޕިސޯޑުން ފަވާދު ފެންނާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ތެދަކަށް ވެސް ވެދާނެ އެވެ.
ނަމަވެސް އެ ޝޯވ ގެނެސްދޭ ޗެނަލް، ސްޓަރ ވޯލްޑް އިން ވަނީ ރިޕޯޓުތަކަށް މާބޮޑު ސަމާލުކަމެއް ނުދިނުމަށް ބުނެފަ އެވެ.