ޓީވީ ޑްރާމާ "ޕަވިއްތުރަ ރިޝްތާ" އިން މަގްބޫލުކަން ހޯދި އަންކިތާ ލޮކާންޑޭގެ ގޭގައި ހިނގި އަލިފާނުގެ ހާދިސާ އެއްގައި އޭނާ ފިހިއްޖެ އެވެ. އަލިފާން ރޯވެފައި ވަނީ އަންކިތާގެ ކޮޓަރީގައެވެ.

ނުރައްކާތެރި ހާދިސާ އިން އަންކިތާ ސަލާމަތްވެފައި ވީނަމަވެސް، އޭނާގެ ދެ އަތާއި ކަރު ފިހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެ އެވެ.

އިންޑިއާގެ އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން އަންކިތާ ބުނީ ކޮޓަރީގައި އަލިފާން ރޯވީ އޭނާ އުއްބައްތި އެއް ރޯކޮށްފައި ހުއްޓައި ދޮރުފޮތިގަނޑުގައި އަލިފާން ހިފުމުން ކަމަށެވެ.

"ނޭނގެ ކިހިނެތް ކަމެއް ދޮރުފޮތިގަނޑުގައި އަލިފާން ރޯވީ. އަލިފާންގަނޑު ނިއްވާލެވޭތޯ މަސައްކަތް ކުރަނިކޮށް ދެ އަތާއި ކަރު ފިހުނީ،" އަންކިތާ ބުންޏެވެ.

އަންކިތާ ބުނީ ނަސީބަކުން އޭނާގެ މޫނަށް އެއްވެސް ގެއްލުމެއް ވެފައި ނުވާކަމަށެވެ.

"އަހަރެންގެ ކޮޓަރި ބެލްކަނީގައި ހުރި ހަތަރު ގޭސް ފުޅި ވެސް. އެއިން އެއްޗެއްގައި ހުޅު ހިފި ނަމަ ވާނެ ގޮތް ހިތަށް އަރާފައި ވެސް ތުރުތުރު އަޅާ. އަހަންނަށް ހީވަނީ ކުރެވިފައި ހުރި ރަނގަޅު ކަމެއްގެ ސަބަބުން ކަމަށް ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ،" އޭނާ ބުނެފައިވެ އެވެ.

އޭނާގެ ހާލު މިހާރު ރަނގަޅު ވަމުން އައި ނަމަވެސް، އެއްވެސް ތަނެއްގައި އަތް ނުޖައްސައި ސަމާލުވެގެން އުޅެން ޖެހޭ ކަމަށް އަންކިތާ ބުންޏެވެ. އަންކިތާގެ ކޮޓަރި މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.