އިމިގްރޭޝަންގެ ކައުންޓަރުގެ ތެރޭގައި ހުރި 18 ޕާސްޕޯޓް ޖަހައިގަނެގެން މިދިޔަ އަންގާރަ ދުވަހު ފިލި މީހާ ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އަމީނީމަގުގައި ކުރިން އަސަރީ ކެފޭ ހިންގި އިމާރާތުގައި ހުންނަ، އިމިގްރާޝަންގެ އޮފީހުން ޕާސްޕޯޓްތަކެއް ޖަހައިގަނެގެން މީހަކު ފިލި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދަފުތަރު އަހުމަދު ހަބީބް، 31، ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ މީގެކުޑައިރުކޮޅެއް ކުރިން ކަމަށާއި އޭނާ ހައްޔަރު ކުރީ އޭނާ ކުރީ ދުވަހު އިމިގްރޭޝަންގެ ކައުންޓަރުން ޖަހައިގަނެގެން ގެންދިޔަ ޕާސްޕޯޓްތައް އަނބުރާ އެތަނަށް ޖެހުމަށް ފަހު ދިޔަތަނާ ކަމަށެވެ.

"އެމީހާ ހައްޔަރުކުރީ މަގުމަތިން، އިމިގްރޭޝަންގެ އޮފިސަރަކާއި ފުލުހުންނާ ގުޅިގެން،" ޝިޔާމް ވިދާޅުވި އެވެ.

އަހުމަދު ހަބީބު ޕާސްޕޯޓްތައް ހިފައިގެން ފިލާފައި ވަނީ ވިސާ ޖައްސަން އިމިގްރޭޝަންގެ އޮފީހަށް ގެންގޮސްފައި އޮތް ޕާސްޕޯޓެއް ބަލައި އޭނާ ދިއުމުން، ޕާސްޕޯޓް ދޫކުރާނީ ހުށަހެޅިފައިވާ ތަރުތީބުން ކަމަށް އެވަގުތު އިމިގްރޭޝަންގެ ވިސާ އޮފީހުގެ ކައުންޓަރުގައި އިން އޮފިސަރު ބުނުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެންނެވެ. އަދި އޭނާއަކީ އެކިފަހަރު މަތިން އެތަނަށް ގޮސް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް އަޑުގަދަކޮށް ހަދާ މީހެއް ކަމަށް ވެސް އިމިގްރޭޝަންގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.