09 Sep 2016, 10:46
ހުރިހާ ފުލުހުން އެކުއެކީގައި މަސައްކަތް ކުރުމަށް ހިތްވަރު ދެއްވުމަށް، ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނަށް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް ގޮވާލައްވައިފި އެވެ.
ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައި، ކޮމިޝަނާ އޮފް ޕޮލިސް އަރީފް ވިދާޅުވީ ފުލުހުންގެ މަސައްކަތްތަކާ ދޭތެރޭގައި ސިޔާސީ ބައެއް ފަރާތްތަކުން ނުރަނގަޅު ވާހަކަތަކެއް ދައްކަމުންދާ ކަމަށާއި، ފުލުހުންގެ ސަފުތަކުގެ ބަދަހިކަން ނަގާލަން އެފަރާތްތަކުން މަސައްކަތް ކުރަމުންދާ ދިއުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ މައްޗަށް ގާނޫނުތަކުން މަތިކޮށްފައިވާ ވާޖިބާއި، ފުލުހުންގެ ގާނޫނީ ދައުރު އަދާކުރުމަށް ކުރާ މަސައްކަތަށް ހީނަރުކަމެއް އައިސްފާނެ އެއްވެސް ކަމެއް ކުރުމުގެ އެއްވެސް ފުރުސަތެއް ދެވިގެން ނުވާނެ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ޕޮލިސް
އަދި އެފަދަ ވާހަކަތައް ހުއްޓުވައި، ގައުމީ ރޫހާއި ޖޯޝުގައި ފުލުހުން އެކުގައި މަސައްކަތް ކުރުމަށް ހިތްވަރު ދެއްވުމަށް ކޮމިޝަންޑް އޮފިސަރުންނަށް ސީޕީ އަރީފް ގޮވާލެއްވި އެވެ.
އަރީފް ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަަކައި ބޭނުންވާ ވަސީލަތްތައް ހޯދުމަށްޓަކައި، 12 މިލިޔަން ރުފިޔާއަށް އޮފިސަރ ސޭފްޓީ އިކުއިޕްމެންޓާއި އެހެނިހެން ވަސީލަތްތައް ހޯދާފައިވާ ކަމަށެވެ.
އަދި އެއީ ސަރުކާރުން ބޮޑު އަހައްމިައްޔަތެއް ދީގެން ލިބުނު ތަކެތި ކަމަށް ސީޕީ އަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން ސީޕީ ވިދާޅުވީ ކުރިޔަށް އޮތް އަޟްހާ އީދު ބަންދު ދުވަސްތަކުގައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އިތުރު މަސައްކަތްތަކެއް ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑާއިގެންނަވާ ކަމަށެވެ. އެގޮތުން ކަނޑު ދަތުރުތަކާއި، ރަށްރަށުގައި ހިނގާ ކުޅިވަރުގެ ހަރަކާތްތަކާއި އެހެނިހެން އިޖުތިމާއީ ކަންކަމުގައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވާނެ ގޮތަކަށް މަސައްކަތް ކުރުމަށް އިސްކަން ދެއްވުމަށް ސީޕީ އެދިވަޑައިގެންނެވި އެވެ.