ބ. ތުޅާދޫ ބަނދަރުގެ މައްސަލާގައި އެ ރަށު ބަޔަކު ކުރަމުންދާ މުޒާހަރާތައް ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ވެސް މައްސަލަ އަށް ހައްލެއް ހޯދިފައިނުވާ ކަމަށް ރަށު ކައުންސިލްގެ އިދާރާ އިން ބުނެފި އެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު މިއަދު ވިދާޅުވީ ބަނދަރުގެ މައްސަލާގައި ކައުސިލުން ނިންމާފައިވާ ގޮތަށް ބަނދަރަށް ބޮޑުކުރާ ބައި ބަނދަރުގެ ހުޅަނގަށް ބޮޑުކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމަށް އެ މަސައްކަތުގެ ސަބް ކޮންޓްރެކްޓަރަށް ހައުސިންގް މިނިސްޓްރީން އަންގާފައިވާ ކަމަށް އެފަރާތުން ބުނެފައިވާ ކަމަށެވެ. ނަމަވެސް މިއަދު ވެސް ބަނދަރު ސަރަހައްދު ކޮނުމަށް ހައިމާކް ނުގެންދެވިގެން މަސައްކަތް ހުއްޓާލަންޖެހިފައިވާ ކަމަށް ހޯގާޑުގެ ފަރާތުން ބަނދަރުގައި މަސައްކަތް ކުރާ ފަރާތުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝީދު އަދި ވިދާޅުވީ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން އެކިފަހަރު މަތިން އެފަރާތްތަކާ ބައްދަލުކޮށް، އެ މައްސަލަ ހައްލުކޮށްދެވޭތޯ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"މިމައްސަލަ ހައްލުކުރުމަށް ސަރުކާރުން ވެސް ހުށަހެޅި ދެ ތިން ހަތަރު ގޮތެއް. އެއީ ބަނދަރުގެ ހުޅަނގަށް ބައެއް އިތުރުކުރުމަށް، ބަނދަރުގެ އިރަށް ބައެއް ބޮޑު ކުރުމަށް، ދެ ބަޔަށް ހަމައަށް ބެހުމަށް ނުވަތަ ކައުންސިލުން ބޭނުންވާ ގޮތަށް ހުޅަނގަށް ބޮޑުކުރާ ގޮތަށް ބާއްވާފައި އަލުން 225 ފޫޓް އިރަށް ބޮޑު ކުރުމަށް ވެސް ހުށަހެޅި. ނަމަވެސް އެއިން އެއްވެސް ގޮތަކަށް އެމީހުން ބޭނުމެއް ނުވި. އެހެންވެ މިހާރު ކައުންސިލުން ނިންމާފައިވާ ގޮތަށް ބަނދަރު ބޮޑުކުރާ ގޮތަށް ސަރުކާރުން ވެސް ތާއީދުކުރޭ،" ރަޝީދު ވިދާޅުވި އެވެ.

މުޒާހަރާ ކުރާ ސަރަހައްދުގައި ހުރި މީހަކު މިއަދު ބުނީ އެހެން ދުވަހެކޭ ވެސް އެއްފަދައިގެން މުޒާހަރާ ކުރަމުންދާ ކަމަށާއި އެމީހުން ބޭނުން ވަނީ ކުރިން ވެސް ސަރުކާރުން ކޮށްފައިވާ ޕްލޭނާ އެއްގޮތަށް ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ. އެގޮތަށް ބޮޑުކުރާ ބައި ބަނދަރުގެ މެދާ ދިމާލުން އިތުރު ނުކުރަނީ މުޒާހަރާ ހުއްޓާނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސިލަރުން ގުޅައިގެން މަސައްކަތް ކުރާ ސައިޓްގައި ތިބި ދެ މީހަކު ގޮސް، ހައިމާކް އަޅުގަނޑުމެންގެ ކުރީމަތީގައި ހުއްޓާލާފައި ބާއްވާފައި ދިޔައީ. ނަމަވެސް ކައުންސިލްގެ އިދާރާ އިން އިރުކޮޅަކުން އިޢުލާންކުރި ބަނދަރުގެ މަސައްކަތް ކުރާ ވެހިކަލްތަކަށް ބަޔަކު މީހުން ހުރަސް އަޅަނީއޭ. ނަމަވެސް މުޒާހަރާ އަށް 20 ދުވަސް ވީއިރު ވެސް އެއްވެސް ބަޔަކާ އަހަރެމެން ކުރިމަތިލާފައެއް ނުވާނެ،" އެ ރަށުން ވާހަކަ ދެއްކި މީހެއް ބުންޏެވެ.

ހޯގާޑުގެ ފަރާތުން ތުޅާދޫގެ ބަނދަރު ހެދުމުގެ މަސައްކަތްކުރާ ސައިޓްގެ ސުޕަވައިޒަރު ހުސެއިން ރިޒްވީ މިއަދު ބުނީ މުޒާހަރާއާ ގުޅިގެން މަސައްކަތް ހުއްޓާލާފައި އޮއްވައި ބޮސްކާލިސް އިން އަލުން މަސައްކަތް ފެށުމަށް ބުދަ ދުވަހު އަންގާފައިވާ ކަމަށެވެ. އެގޮތުން މިއަދު މަސައްކަތް ފެށުމަށް ހައިމާކް ބަނދަރު ކޮންނަ ސަރަހައްދަށް ގެންދަންވެގެން އުޅުމުން ބަޔަކު އެކަމަށް ހުރަސްއެޅުމުން މާހައުލަށް ބަލައި އަލުން ހައިމާކް އަނބުރާ ސައިޓަށް ގެންގޮސް ވެއްދީ ކަމަށެވެ.

ތުޅާދޫގައި ހެދުމަށް ހަމަޖައްސާފައިވާ 750 އަކަފޫޓްގެ ބަނދަރަށް 450 ފޫޓް ބޮޑުކުރުމުގެ މައްސަލާގައި ރަށު ރައްޔިތުންގެ ތެރޭގައި ހިޔާލުތަފާތުވެފައިވާ އިރު ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިޔަނުދިނުމުގެ ގޮތުން އެސަރަހައްދަށް ބަޔަކު ވަނީ ދިރިއުޅުން ވެސް ބަދަލުކޮށްފަ އެވެ. އަދި ކުރިން ވެސް ސަރުކާރުން ޕްލޭންކޮށްފައި އޮތް ގޮތަށް ނޫން ގޮތަކަށް ބަނދަރުގެ މަސައްކަތް ކުރިއަށް ނުދޭނެ ކަމަށް ބުނެ އެ ރަށުގެ ބައެއް މީހުން ބަނދަރު ސަރަހައްދުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.