ރާއްޖެއަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ ކޮމަންވެލްތުގެ ޚާއްސަ މަންދޫބު ޑރ. ވިލީ މުޓުންގާ މިއަދު މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައި، ޖަލަށް ލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްއާ ބައްދަލު ކުރައްވައިފި އެވެ.

މަހުލޫފް ޖަލަށް ލާފައި ވަނީ ޖުމްލަ 10 މަހާއި 24 ދުވަހަށެވެ. އެއީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ދެ ދައުވާއެއް މަހުލޫފްގެ މައްޗަށް ސާބިތުވެގެންނެވެ. ފުރަތަމަ ދައުވާ ސާބިތުވުމުން އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އައި އިރު، ދެވަނަ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް ކުރެވުނީ ހަ މަހުގެ ޖަލު ހުކުމެކެވެ.

މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް "ސަން" އަށް މިރޭ ވިދާޅުވީ، ކޮމަންވެލްތުގެ މަންދޫބު ޑރ. މުޓުންގާ މިއަދު މާފުށީ ޖަލަށް ވަޑައިގެން މަހުލޫފާ ބައްދަލުކުރެއްވި ކަމަށެވެ.

އަދި މަހުލޫފްގެ ޖަލު ހުކުމްތަކުގެ މައުލޫމާތުގެ އިތުރުން، އޭނާ ޖަލަށް ލި މައްސަލަ އދ. ގެ ވޯކިންގް ގްރޫޕު އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހަޅާފައިވާ އިރު އެކަމާ ގުޅޭ މައުލޫމާތު ވެސް ޑރ. މުޓުންގާ ހޯއްދެވި ކަމަށް ނަޒްރާ "ސަން" އަށް ވިދާޅުވި އެވެ.

އދ. ގެ ވޯކިންގް ގްރޫޕުން ވަނީ މަހުލޫފްގެ މައްސަލަ ނޮވެމްބަރު 21 އިން 25 އޮންނަ ވޯކިން ގުރޫޕުގެ ޝެޝަނަށް އެޖެންޑާ ވެސް ކޮށްފަ އެވެ.

ޑރ. ވިލީ މުޓުންގާ ކޮމަންވެލްތުގެ ޚާއްސަ މަންދޫބުގެ ގޮތުގައި ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މި ދަތުރުފުޅުގައި ޑރ. މުޓުންގާ ވަނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފާ ބައްދަލު ކުރައްވާފައި ވެ އެވެ.

ޑރ. މުޓުންގާ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފްއާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ޕޮލިސް

ޑރ. މުޓުންގާ އެމްޔޫއޯގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވުން --

ކެޕްޝަން..ޑރ. މުޓުންގާ ހިއުމަން ރައިޓްސް ކޮމިޝަނުގެ ބައެއް މެމްބަރުންނާ ބައްދަލު ކުރެއްވުން --

މީގެ އިތުރުން އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ އިސް ބައެއް ބޭފުޅުންނާ މުޓުންގާ ބައްދަލު ކުރެއްވި އެވެ. މުޓުންގާ ބައްދަލު ކުރި އެމްޔޫއޯގެ ވަފްދުގައި ހިމެނެނީ އެމްޔޫއޯގެ ޝެޑޯ މިނިސްޓަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ހިމެނިވަޑައިގަންނަވަ އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި، ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ޑރ. ވިލީ މުޓުންގާ މާދަމާ ރާއްޖެއިން ފުރާވަޑައިގަންނަވާނެ އެވެ.