ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާޔަތުގެ ދަށުން 1992 ވަނަ އަހަރުން ފެށިގެން ދައުލަތުގެ މާލިއްޔާއިން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދައްކަމުން ނުދާ ފަރާތްތަކުގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2010 ވަނަ އަހަރު ފިނޭންސް މިނިސްޓްރީގެ އޮޑިޓު ރިޕޯޓު ދައްކާ ގޮތުގައި 51،402،714 ރުފިޔާ ލިބިފައި ނުވާ ކަމަށެވެ.

އަދި އެ ހިސާބުތައް 2013 ވަނަ އަހަރު އޭސީސީއަށް ހުށަހަޅާފައިވާ އިރު، އޭސީސީއިން މިދިޔަ މަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ލޯނަށް ދޫކުރި ފައިސާގެ ތެރެއިން، 2015 ވަނަ އަހަރުގެ ނިޔަލަށް 49،410،146.42 އަނބުރާ ލިބިފައި ނުވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ފައިސާ ދެއްކުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޚާއްސަ އުސޫލެއް ކަނޑައަޅާފައިވާ އިރު، އެ އުސޫލުގެ ދަށުން ފައިސާ ދައްކަމުން ދަނީ 18 ފަރާތަކުން އެކަނި ކަމަށެވެ.

ެއެހެންކަމުން އުސޫލާ އެއްގޮތަށް ލޯނު އަނބުރާ ދައްކަމުން ނުދާ ފަރާތްތަކުގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން މި މިދިޔަ މަހުގެ ތެރޭގައި ވަނީ، ދައުލަތު ފައިސާއަށް ހިޔާނާތްވެފައިވާ ކަމަށް ބުނެ، ދައުލަތަށް ދައްކަންޖެހޭ ކަމަށް އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ފައިސާ ދެއްކުމަށް އަންގައިފަ އެވެ.

  • ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު

  • ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު
  • ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބު
  • ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް
  • ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
  • ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު އަސްވާން
  • ކުރީގެ ސްޓޭޓް މިނިސްޓަރު ޝައިޚް ހުސައިން ރަޝީދު އަހުމަދު

އޭގެ ތެރެއިން ފިނޭންސުން ދިން މުއްދަތުގެ ތެރޭގައި ފައިސާ ދެއްކެވީ ޑރ. އަހްމަދު ޝަހީދު އެކަނި ކަމަށް ފިނޭންސުން ބުންޏެވެ. ނަމަވެސް އެއީ ކިހާ ވަރެއްގެ ފައިސާއެއް ކަމެއް އެނގިފައެއް ނުވެ އެވެ.