08 Sep 2016, 17:36
ޑިއުޓީތަކުގައި އުޅޭއިރު ފުލުހުންގެ ނަފްސުގެ ރައްކާތެރި ކަމަށް ބޭނުން ކުރުމަށް މުޅިން އައު ހަތިޔާރުތަކެއް ފުލުހުން ގެނެސްފި އެވެ.
ފުލުހުން ބުނީ، މުޅިން އަލަށް ގެނައި އެ ތަކެއްޗަކީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ފުލުހުންގެ ނަފްސުގެ ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރަމުންދާ މަސައްކަތްޕުޅުގެ ދަށުން ހޯދާފައިވާ ތަކެތި ކަމަށެވެ.
އެގޮތުން، އަލަށް ގެނައި ތަކެއްޗަކީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަން ދެމެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާއިރު ފުލުހުންގެ ނަފްސަށް ލިބޭ ގެއްލުން ކުޑަކުރުމަށް ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް ބޭނުންކުރާ ތަކެތި ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން ޕަބްލިކް އޯޑާ ހާލަތްތަކުގައި ހަރަކާތްތެރިވާ ފުލުހުން ބޭނުންކުރާ ތަކެއްޗާއި ނުރައްކާތެރި ހާދިސާތައް ހިނގައިގެންއުޅޭ އިރު ހަރަކާތްތެރިވާ ފުލުހުން ބޭނުންކުރާނެ ތަކެއްޗާއި އާއްމު ޑިއުޓީ ތަކުގައި އުޅޭއިރު ފުލުހުން ބޭނުން ކުރާނެ ބައެއް ތަކެތި ހިމެނެ އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ، އަލަށް ގެނައި ތަކެތީގެ ތެރޭގައި މިހާރު ފުލުހުން ބޭނުންކުރާ ބައެއް ހަތިޔާރުގެ އިތުރުން މުޅިން އާ އެއްޗެހިތަކެއް ވެސް ގެނެސްފައިވާ ކަމަށެވެ. އަދި ބައެއް ހަރަކާތްތަކަށް ނުކުންނައިރު ބައެއް ފުލުހުންނަށް އާލާތްތައް މަދުވެފައި ހުރުމުގެ ސަބަބުން، އެކަން ހައްލުކުރުމަށް ވެސް ބައެއް ހަތިޔާރު ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން، ފުލުހުން މިހާރު ބޭނުންކުރާ ފޮތި ތޮފީގެ ބަދަލުގައި ތަންކޮޅެއް ހަރު ވައްތަރުގެ ތޮފިތަކަކާއި އަލަށް ގެނައި އާމާ ވެސްޓުތަކެއް ހިމެނޭ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންނަށް އަލަށް ގެނައި އެތަކެތި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ ބައެއް މެމްބަރުންނާއި އެކި ޑިޕާޓްމަންޓްތަކުގެ ބައެއް ވެރިން ވަނީ އިއްޔެ ބައްލަވާލައްވާފަ އެވެ.