ސިޔާސީ ޕާޓީތަކުގެ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ސިޔާސީ ޕާޓީތަކަށް ވައްދާފައިވާ މެމްބަރުންގެ ފޯމުގައި ފިންގާ ޕްރިންޓު ޖެހުން ލާޒިމްކޮށް ގާނޫނަށް ގެނައި އިސްލާހު ބާތިލުކޮށްދިނުމަށް އެދި ޖުމްހޫރީ ޕާޓީން ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ އެ ޕާޓީގެ ކައުންސިލްގެ ނިންމުމާ އެއްގޮތަށް މައްސަލަ ހައި ކޯޓަށް ހުށަހެޅީ މިއަދު ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މިދިޔަ މަހު ގެނައި އިސްލާހުގައި އެ ގާނޫނުގެ ނުވަ ވަނަ މާއްދާ އަށް ވަނީ ދެ އަކުރެއް އިތުރުކޮށްފަ އެވެ. އެ އަކުރުތަކުގައި ބުނަނީ ސިޔާސީ ޕާޓީތަކުގައި މިހާރު ތިބި ފިންގަޕްރިންޓް ޖަހާފައިވާ ފޯމް ހުށަހަޅާފައި ނެތް މެމްބަރުން ފިންގާ ޕްރިންޓު ޖެހުމަށްފަހު އެއް މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފިންގާޕްރިންޓު ޖަހާފައިވާ ފޯމް ހުށަނާޅާ މެމްބަރުން އެ ޕާޓީތަކުން ވަކިވާނެ ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.

އަލީ ސޯލިހު ވިދާޅުވީ 2008 ވަނަ އަހަރު އެ ޕާޓީ ރަޖިސްޓްރީ ކުރި ހިސާބުން ގާނޫނު ވުޖޫދަށް އައުމާ ހަމައަށް އެ ޕާޓީއަށް ސޮއިކޮށްފައި ތިބި މެމްބަރުންގެ ފިންގަޕްރިންޓް ހުށަނާޅައިފި ނަމަ ޕާޓީން ވަކިވާ ގޮތަށް އޮތުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނުއަސާސީ ބުނާ ގޮތުން ކުރިން ކޮށްފައިވާ ކަމަކަށް ފަހުން ހެދޭ ގާނޫނުއްގެ އުސޫލުތައް ނުހިނގާނެ ކަމަށެވެ.

ގާނޫނަށް ގެނައި އެ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ އެކު އިލެކްޝަންސް ކޮމިޝަނުން ވަނީ ފިންގާޕްރިންޓު ނުޖަހައި ހުރި މީހުންގެ ފޯމުތައް އަލުން ފުރިހަމަކޮށް އޭގައި ފިންގާޕްރިންޓު ޖެހުމަށްފަހު އަންނަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ސިޔާސީ ޕާޓީތަކަށް އަންގާފަ އެވެ.

ގާނޫނުގައި ބުނާ އެއްމަސް ދުވަހުގެ މުއްދަތު ހަމަވުމުން ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީޕީ އާއި އަދާލަތު ޕާޓީން ވެސް ގިނަ އަދަދެއްގެ މެމްބަރުން ވަކިވާނެ އެވެ.