ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ހަމައިން ނުނިމޭ ކަމަށާއި އެކަންކަން އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަން އިން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ޗެއާޕާސަންގެ ނައިބު މުހައްމަދު ނިޔާޒު ވިދާޅުވީ ސަރުކާރުން ހިންގާފައި "ޖަރީމާތަކުގެ" ވާހަކަތައް އިދިކޮޅު ފަރާތްތައް ދެއްކުމުން ސަރުކާރުން ބުނަމުން ދިޔައީ އެއީ ސިޔާސީ ބޭނުމަށް ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އިއްޔެ އަލްޖަޒީރާއިން ނެރުނު ޑޮކިއުމަންޓްރީގެ ސަބަބުން މުޅި ދުނިޔެއަށް ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތައް ހާމަވެގެން ހިނގައްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވަން މީގައި އަދީބުގެ ބައިވަރު ފޮޓާތަކާއި ވާހަކަތައް އަލްޖަޒީރާގެ ޑޮކިއުމަންޓްރީން އިވިގެން ދިޔަ ނަމަވެސް މިކަން އަދީބާ ހަމައަކުން ނުނިމޭ. އިތުރަށް ތަހުގީގު ކުރަންޖެހޭ،" ނިޔާޒު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީނުގެ ސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވީ އިއްޔެ އަލްޖަޒީރާއިން ދެއްކި ޑޮކިއުމަންޓްރީގައި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާ ދަރަޖައިގެ ކަންކަން އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ރައީސުލްޖުމްހޫރިއްޔާއެއް އިންތިހާބު ކުރަނީ ގާނޫނުއަސާސީއާ ގާނޫނުތަކަށް ބޯލަނބާ ގައުމުގެ މުއްސަނދިކަމާއި ރައްޔިތުންނަށް ފާގަތިކަން ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

"ނަމަވެސް އަލްޖަޒީރާއިން ދެއްކި ޑޮކިއުމަންޓްރީން ވެސް ފެނިގެން ދިޔަ ފަދައިން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ސަރުކާރުގެ އެންމެ އިސްބޭބޭފުޅުން ސަރުކާރުގެ އެކިއެކި މުއައްސަސާތައް ދިވެހި ރައްޔިތުންނާއި ރައްޔިތުންގެ މުދާ، ހިމާޔަތްކޮށްދޭން ތިބި ފަރާތްތަކުގެ ނާގާބިލުކަމާއި އެބޭފުޅުން ކޮށްގެން ތިބި ހުވައާ ހިލާފަށް އެތައް ގިނަ ކަންތައްތަކެއް ކުރަމުން ދިޔަ މަންޒަރުތަކެއް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ،" މަލީހު ވިދާޅުވި އެވެ.

އެމްޔޫއޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ޓުވީޓާ

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސާ ޝިދާތާ ޝަރީފު މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އަލްޖަޒީރާއިން އިއްޔެ ދެއްކި ޑޮކިއުމަންޓްރީން އެނގިގެން ދިޔައީ ރާއްޖޭގައި ހުރި މިނިވަން މުއައްސަސާތައް އޮތީ މިނިވަންކަމާއި އެކުގައި ނޫން ކަމަށެވެ. އަދި ވިދާޅުވީ އަލްޖަޒީރާއިން ދެއްކި ޑޮކިއުމަންޓްރީގައި ރައީސް ޔާމީނާ ސަރުކާރުގެ އިސްވެރިންނަށް ތުހުމަތު ކުރެވޭ ކަންކަން މިނިވަންކަމާއެކު ބެލުމަށް މިނިވަން މުއައްސަސާތަކަށް ގޮވާލައި ކަމަށެވެ.

"އެކަމުގެ ހަގީގަތްގައް ބަލައި އެކަމުގެ އެންމެ އަޑިއަށް ފީނާ އެކަންކަމާއި ބެހޭ ގޮތުން މިނިވަން މުއައްސަސާތަކުން ތަހުގީގެއް ހިންގުމަށް. އަދި އެ ތަހުގީގު ހިންގޭނީ ރައީސް ޔާމީނަށް އިނގިލި ދިއްކުރެވޭ ވަރަށް ގިނަ ކަންކަން ހުރީތީވެ، ރައީސް ޔާމީން ހައްޔަރުކޮށްގެން ނަމަވެސް ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވާ ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެނައުން އެއީ އަޅުގަނޑުމެން ރައްޔިތުން ގޮވާލާ ކަމަކީ،" ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޝިދާތާ ވިދާޅުވި އެވެ.

އަލްޖަޒީރާއިން ދެއްކި ޑޮކިއުމަންޓްރީއާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ އިއްޔެ ވިދާޅުވީ "ސްޓީލިންގް ޕެރެޑައިސް"ގެ ނަމުގައި އަލްޖަޒީރާއިން އިއްޔެ ދެއްކި ޑޮކިއުމެންޓްރީގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކޮށް އަލް ޖަޒީރާ އިން ދައްކާފައި ވަނީ ކަނޑައެޅިގެން ދޮގު ވާހަތަކެއް ކަމަށެވެ.

އަލްޖަޒީރާ އިން ޔޫޓިއުބުގައި އާންމު ކުރި ވީޑިއޯގައި ރައީސް ޔާމީންގެ ސަރުކާރުގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއްކޮށްފަ އެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިން އާއި ޓެރަރިޒަމްގެ އަމަލުތަކެއް ހިމެނޭ ކަމަށް އަލް ޖަޒީރާ އިން ވަނީ ތުހުމަތުކޮށްފަ އެވެ.

ތަރުޖަމާނު މުއާޒު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކޮށް އަލް ޖަޒީރާ އިން ދައްކާފައިވާ ވާހަކައިގެ އެއްވެސް ހެއްކެއް ގަރީނާއެއް ނެތް ކަމަށެވެ. އަދި އެ ވާހަކަތައް އަލް ޖަޒީރާ އިން ގެނެސްފައި ވަނީ ދައުލަތަށާއި ޝަރީއަތަށް ފިލައިގެން ރާއްޖޭން ބޭރުގައި އުޅޭ ބަޔަކު ދެއްކި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް މުއާޒް ވަނީ ވިދާޅުވެފަ އެވެ.