ހަރާރޭ(ސެޕްޓެމްބަރު 8): ޒިމްބާބުވޭގެ ވެރިރަށް ހަރާރޭގައި މުޒާހަރާ ކުރުން މަނާކޮށްފައި އޮތް އޮތުން ބާތިލުކޮށް، ހަރާރޭގައި މުޒާހަރާ ކުރުން ހުއްދަ ކަމަށް ޒިމްބާބުވޭގެ ހައި ކޯޓުން ނިންމައިފި އެވެ.

ހަރާރޭގައި މުޒާހަރާ ކުރުން މަނާކޮށްފައިވާ ކަން އެގައުމުގެ ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު އެންގީ އެސިޓީގައި ކުރިއަށް ދިޔަ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.

ނަމަވެސް އިއްޔެ ޒިމްބާބުވޭގެ ހައިކޯޓުގެ ފަނޑިޔާރު ޕްރިސިލާ ޗިގުމްބާ ވަނީ މުޒާހަރާ ކުރުން މަނާ ކުރުމުން އާއްމުންގެ ހައްގުތަކަށް ހުރަސް އެޅޭ ކަމަށް ވިދާޅުވެ އެނިންމުން ބާތިލު ކުރައްވާފައެވެ.

މީގެ ކުރިން ޒިމްބާބުވޭގެ ރައީސް ރޮބާޓް މުގާބޭ ވަނީ ގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ހުއްދަ ދިނުމަކީ ގައުމުގެ ސުލްހައަށް އިހުމާލުވުން ކަމަށް ވިދާޅުވެފައެވެ. އަދި އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް މަސައްކަތް ކުރައްވަނީ ޝަރުއީ ނިޒާމަށް ބިރު ދައްކަވަން ކަމަށް ތުހުމަތުކޮށްފައެވެ.

ޒިމްބާބުވޭގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުން ދަނީ ގައުމުގެ އިގުތިސާދީ ހާލަތު ދަށަށް ދިޔުމުގެ ސަބަބުންނާއި ގިނަ ބަޔަކަށް ފައިސާ އާއި ވަޒީފާގެ ފުރުސަތު ނުލިބުމުގެ ސަބަބުންނެވެ. (އަލްޖަޒީރާ)