08 Sep 2016, 16:40
އައްޑޫ ސިޓީ ހިތަދޫގެ އުތުރާއި ދެކުނުގެ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޠާރިގު އިބްރާހީމެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދު ކުރުމަށް ކަނޑައަޅާފައިވާ އެ މަޝްރޫއު އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްފައި ވަނީ 109،008،738.11 ރުފިޔާއަށް 15 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި އެ މަޝްރޫއުގެ ދަށުން ހިތަދޫގެ 870 ގެއަކަށް ނަރުދަމާގެ ނިޒާމް ފޯރުކޮށްދެވޭނެ ކަމަށާއި، އެއީ ގާތްގަނޑަކަށް 6100 އެއްހާ މީހުންގެ އާބާދީއެއް ކަމަށް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫގެ އުތުރާއި ދެކުނުގެ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ތާރިގު ވިދާޅުވީ 2018ގެ ކުރިން އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ނަރުދަމާގެ ހިދުމަތް ގާއިމް ކޮށްދޭނެ ކަމަށާއި، މިހާރުވެސް އައްޑޫ ސިޓީގެ ބައެއް ރަށް ރަށުގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭނާގެ ވާހަކަފުޅުގައި އިދިކޮޅު ފަރާތްތަކުން ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"މިދުވަސްކޮޅު އަޅުގަނޑުމެންނަށް އިވޭ އެއް އަޑަކީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އަޅުގަނޑުމެން މިކުރާ މަސައްކަތްތައް އޮޅުވާލައި އަދި ރައްޔިތުންނަށް ފޯރުކޮށްދޭން މިއުޅޭ މަސައްކަތަށް ދަތިކުރުމުގެ ގޮތުން ބޭރު ފަރާތްތަކަށް ރަނގަޅުނޫން މައުލޫމާތުދީ މަސައްކަތް ހުއްޓުވުމުގެ ކަންތައްތައް ކުރަން އުޅޭތަން،" ތާރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން ގެއްލުން ލިބޭނީ ސަރުކާރަށް ނޫން ކަމަށާއި، ގެއްލުން ލިބޭނީ ރައްޔިތުންނަށް ކަމަށެވެ. އެހެން ކަމުން ތަރައްގީއަށް ކުރަމުން އަންނަ މަސަައްކަތްތަކަށް އެއްބާރުލުން ދިނުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.
މި އަހަރު 54 ރަށެއްގެ ނަރުދަމާ ގާއިމް ކުރުމަށް 2016 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ. އޭގެ ތެރެއިން 38 ރަށެއްގެ ނަރުދަމާގެ މަސައްކަތް ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު 16 ރަށެއްގެ ނަރުދަމާ ގާއިމް ކުރުމަށް ހަމަޖެހިފައި ވަނީ ލޯނު އެހީގެ ދަށުންނެވެ.