އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދިވެހި ސަރުކާރަށް ލޯނު އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ސ. ހުޅުދުއާއި ސ. މީދޫގައި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ ޕްރޮޖެކްޓުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

އެ މަސައްކަތް ބީލަމަށް ހުޅުވާލި މިއީ ދެވަނަ ފަހަރެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މަސައްކަތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލައި ކަމަށެވެ.

މަސައްކަތަށް ކޮންޓްރެކްޓަރަކު ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައި.ސީ.ބީ) އުސޫލުގެ މަތިން، ނެޝަނަލް ޓެންޑާ ބޯޑުގެ ސިންގަލް ސްޓޭޖް ވަން އެންވެލޮޕް ބިޑިން ޕްރޮސެސްގެ ދަށުން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ނަރުދަމާ ވިޔުގަ ގާއިމުކުރުމާއި، ލިފްޓިން ސްޓޭޝަނާއި ޕަމްޕް ސްޓޭޝަންސް، ސީ އަދި ސީ އައުޓް ފޯލް ގާއިމުކުރުމާއި، ސްވޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތެވެ.

ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފިނޭންސް މިނިސްޓްރީން ބުނީ ފައިސާ ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ މަސައްކަތުގެ ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި 30،000 ޑޮލަރު (462,600 ރުފިޔާ) ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 148 ދުވަހެވެ. ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ 10 ޕަސެންޓެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

ފިނޭންސުން ބުނީ ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ މި މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 10:00ގައި ކަމަށެވެ. އެ މަސައްކަތުގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 25ވަނަ ދުވަހުގެ ހެނދުނު 10:00ގައެވެ.