08 Sep 2016, 16:27
އެމެރިކާގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (އައިއައިއައިޓީ)ގެ ފަރާތުން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އަށް ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތުތަކެއް ދީފި އެވެ.
އައިޔޫއެމް އިން ބުނީ، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް) ގައި ކިޔެވުމަށް ހަމަޖެހިފައިވާ އެ ފުރުސަތުތަކަކީ އެ ޔުނިވާސިޓީގެ އެކަޑަމިކް ސްޓާފުންނާއި ސީނިއާ މެނޭޖްމަންޓް ފެންވަރު މަތިކުރުމުގެ މަގްސަދުގައި ދީފައިވާ ފުރުސަތުތަކެއް ކަމަށެވެ.
ކިޔަވަން ފުރުސަތު ދީފައިވަނީ އިސްލާމީ ތަރުބިއްޔަތާއި ތައުލީމުގެ އިތުރުން އެ ޔުނިވާސިޓީން ކަނޑައަޅާ ދާއިރާތަކަކުން ކަމަށާއި ސްކޯލަޝިޕް ފުރުސަތުތަކުގައި ކިޔަވާ ދަރިވަރަށް ކޯހުގެ ފީގެ އިތުރުން ޕޮކެޓްމަނީ އެއް ލިބޭނެ އައިޔޫއެމް އިން ބުންޏެވެ.
އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، އެ ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަސް މުސްތަގްބަލެއްގައި ހުޅުވާލާނެ ކަމަށެވެ.
އެގޮތުން، މިއަހަރު ދެ ދަރިވަރަކު އަދި އަންނަ އަހަރުގެ ޖަނަވަރީ މަހު ދެ ދަރިވަރަކު ސްކޮލަޝިޕްގެ ދަށުން ކިޔަވަން ފޮނުވޭނެ ކަމަށް ވިދާޅުވި އެވެ.
ދުނިޔޭގެ އެކިއެކި އިސްލާމީ ޔުނިވާސިޓީތަކަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ އައިއައިއައިޓީ ޖަމިއްޔާއަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އުފައްދައި ތަރައްގީކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ މުއައްސަސާއެކެވެ.
މީގެ އިތުރުން، އިލްމީ ދިރާސާކުރުމައި އިސްލާމީ އުންމަތުގެ އިލްމީ ހަޟާރަތު ކުރިއެރުވުމަށްޓަކައި އެކި ދިރާސާތައް ކުރުމާއި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިދިނުމަށް ނުހަނު ގިނަ މަސައްކަތްތަކެއް އެ ޖަމިއްޔާއިން ކުރެއެވެ.
އެގޮތުން، އައިއައިއައިޓީ އާ ގުޅިގެން މިދިޔަ މަހުގެ ތެރޭގައި އިސްލާމީ ޔުނިވާސިޓީން ވަނީ އޭޝިޔާ ސަރަހައްދުގެ ދިހަ ގައުމެއްގެ މަޝްހޫރު ޕްރޮފެސަރުން ބައިވެރިކޮށްގެން ދިރާސާ ކުރުމާ ގުޅޭ މަހާސިންތާއެއް ބާއްވާފައެވެ.