08 Sep 2016, 14:55
އަންނަ ހޯމަ ދުވަހަކީ މިއަހަރުގެ އަޟްހާ ޢީދު (ބޮޑު އީދު) ދުވަހެވެ. ޢީދު ކުރިމަތިވެގެން އަންނައިރު، މިފަހަރުވެސް މޫސުން އެހާ ރަނގަޅެއް ނޫނެވެ. ގައުމީ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މިފަހަރުގެ ބޮޑުއީދަށް ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ.
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް (މެޓް) އިން ލަފާ ކުރާގޮތުގައި އީދާއި ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ގުގުރުންވެސް އެކަށިގެންވެއެވެ.
"ލަފާ ކުރެވެނީ މުޅި ރާއްޖޭގެ އެކިއެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް،" މެޓް އޮފިޝަލަކު ވިދާޅުވިއެވެ.
އީދާއި ގުޅިގެން އެތައް ބަޔަކު ކަނޑު ދަތުރުތައް ކުރަމުންދާއިރު މެޓްއޮފީހުން ބުނީ އީދާ ހަމައަށް ދެކުނުއަތޮޅުތަކުގައި މަޑުވިނަމަވެސް، އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ.
އަޟްހާ އީދާއެކު ބޮޑު ބަންދެއް އަންނައިރު އަތޮޅުތެރޭ ރަށްރަށުގައި ފޯރިގަދަ ކުޅިވަރުތައް ކުޅުމަށް ވަނީ ނިންމާފައެވެ.
އީދު ބަންދާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ދަތުރުތައް ކުރާތީ ފުލުހުންނާއި ސިފައިން މިހާރު ދަނީ ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަމަށްޓަކައި އުޅަނދުތައް ޗެކް ކުރަމުންނެވެ.