ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ސަރުކާރުން ދޫކުރަން ނިންމާފައިވާ 50 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނުގެ އިންޓަރެސްޓް ހަތް ޕަސެންޓަށް ކުޑަކޮށް އެ ލޯނު ދޫކުރުމުގެ ކަންކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ހަވާލުކޮށްފި އެވެ.

ލޯނު ދޫކުރުމުގެ ކަންކަން ބީއެމްއެލްއާ ހަވާލުކުރުމަށް މިއަދު މެންދުރު ފަހު ރޭޑިއޯ ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ލޯނު ލިބޭ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ރައީސް ޔާމީންގެ އެދިލެއްވުމުގެ މަތިން އެ ލޯނު ސްކީމްގެ އިންޓަރެސްޓް ހަތް ޕަސެންޓަށް ކުޑަކުރަން ނިންމީ ކަމަށެވެ.

މީގެ ކުރިން އެ ލޯނުގެ އިންޓަރެސްޓް ރޭޓް ހުރީ ނުވަ ޕަސެންޓްގައެވެ.

އެސްއެމްއީ ލޯނަށް އެދޭ އަމިއްލަ ފަރުދަކަށް އެންމެ ގިނަވެގެން 500،000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު ގިނަ ބަޔަކު ހިއްސާވާ ވިޔަފާރިތަކަށް ދޫކުރަން ނިންމާފައި ވަނީ ގިނަވެގެން 1.5 މިލިއަން ރުފިޔާ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިދިޔަ ޖޫން މަހުގެ 29ވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޖުމުލަ 61 ފަރާތަކަށް އެސްއެމްއީ ލޯނު ސްކީލް ލިބިފައިވާ ކަމަށެވެ. އޭގެތެރޭގައި ދަނޑުވެރިކަމުގެ ދާއިރާއިން ފަސް ފަރާތަކަށް ލޯން ދޫކޮށްފައިވާއިރު މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހަތަރު ފަރާތަކަށް ލޯން ދޫކޮށްފައިވެ އެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުގައި އޯޕަން ކެޓަގަރީން 18 ފަރާތަކަށް އެސްއެމްއީ ލޯން ލިބިފައިވާއިރު އަށް ފަރާތަކަށް ހިދުމަތް ހޯދުމުގެ ދާއިރާއިން ލޯނު ވަނީ ދޫކޮށްފައެވެ. އަދި 14 ފަރާތަކަށް ދަތުރުފަތުރު ކުރުމުގެ ދާއިރާއިން ލޯނު ދޫކޮށްފައިވާއިރު ފަތުރުވެރިކަމުގެ ދާއިރާއިން ލޯން ދޫކޮށްފައި ވަނީ 11 ފަރާތަކަށެވެ. އަދި ވޭސްޓުމެނޭޖުމަންޓު ދާއިރާއިން އެއް ފަރާތަކަށް ވަނީ ލޯން ދޫކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ބީއެމްއެލް އިން އެ ފައިސާ ވިޔަފާރިވެރިންނަށް ދޫކުރަމުން ގެންދާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އެންޑްރޫ ހީލީ އެވެ.