08 Sep 2016, 13:45
ހުޅުމާލޭގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއެއް ކަމަށްވާ މުހައްމަދު ޝާހިދުގެ ހާލު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު މިއަދު ސަން އަށް ވިދާޅުވީ، ޝާހިދުގެ ހާލު މިހާރު ރަނގަޅު ކަމަށާއި ނަމަވެސް އޭނާ ދޫކޮށްލާނެ ވަކި ދުވަހެއް އަދި ނޭނގޭ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 11:35 އެހައިކަންހާއިރު ހުޅުމާލޭ ނިރޮޅު މަގުން ޝާހިދު އިތުރު މީހަކާ އެކު ސައިކަލްގައި ދަނިކޮށް އެކްސިޑެންޓު ހިނގީ ފަހަތުން އައި ކާރެއް ޖެހިގެންނެވެ.
އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު، އެ ސައިކަލްގެ ފަހަތުގައި އިން ރ. ރަސްގެތީމު، ފާތުމަތު ޝިއުނާ ވަނީ މަރުވެފައެވެ. ޝިއުނާގެ ހަށިގަނޑުގެ އެކި ތަންތަން ވަނީ ބިންދައިގެންގޮސްފައެވެ.
އެ މައްސަލައާ ގުޅިގެން، ކާރު ދުއްވި ޑްރައިވަރު ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 22 އަހަރުގެ އެމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްފައެވެ.
އެކްސިޑެންޓުގައި މަރުވި ޝިއުނާއަކީ މީގެ ކުރިން ކައިވެންޏެއްކޮށްފައިވާ މީހެކެވެ. ހަތް އަހަރުގެ ފިރިހެން ކުއްޖަކު ވެސް އޭނާގެ ހުރެ އެވެ. ޝިއުނާ މާލެ އައީ އޭނާގެ މަންމަ އާއި ދައްތަ ހައްޖަށް ފޮނުވާފައި ދައްތަގެ ކުދިން ބެލުމަށެވެ.