02 Jun 2011, 13:23
މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ރާއްޖެއަށް ކަނޑައެޅުމުގެ ކުރިން ބޮޑެތި އިންޑަސްޓްރީތަކުން ސަރުކާރާއި އަދި ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ގެންނަން ބޭނުންވާ ހަތް ކަމެއް އެ އިންޑަސްޓްރީތަކުން ހުށަހަޅައިފި އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ )މަޓީ( އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ )މަސީ( އާއި މޯލްޑިވްސް ނޭޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ )އެމްއެންސީސީއައި( އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރަވެލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް )މަޓާޓޯ(ގެ މަޝްވަރާތަކަށް ފަހު ނެރުނު ބަޔާނުގައިވާ ގޮތުގައި، އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމާ ބެހޭ ގޮތުން އެ ޖަމިއްޔާތަކުން މިދިޔަ މަހުގެ 24 ވަނަ ދުވަހު މަޝްވަރާކޮށް ކަމާބެހޭ ދާއިރާތަކުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަންތައްތަކެއް ވަނީ ނިންމައިފަ އެވެ.
އަދި އެ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ހިއުމަން ރިސޯސް މިނިސްޓާ ހަސަން ލަތީފަށް ހުށަހަޅާފައިވާ ކަމަށް ވެސް ރާއްޖޭގެ އެންމެ ބޮޑެތި އިންޑަސްޓްރީތައް ތަމްސީލްކުރާ އެ ޖަމިއްޔާތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އެންމެ ފުރަތަމަ ވެސް އެ ޖަމިއްޔާތަކުން ބުނެފައިވަނީ، "މިވަގުތަކީ މިފަދަ ފިޔަވަޅެއް އެޅުމަށް އެންމެ އެކަށީގެންވާ ވަގުތު ނޫން" ކަމަށެވެ. އަދި އިންޑަސްޓްރީތަކުގެ ކަންތައްތައް ހުރި ނެތް ބެލުމަށް އެކަށީގެންވާ ރިސާޗެއް ހެދުމަށް ފަހު ނޫނީ މިނިމަމް ވޭޖް ކަނޑަނޭޅުމަށް ވެސް އެ ޖަމިއްޔާތަކުން ވަނީ ހުށަހަޅައިފަ އެވެ.
އަދި އެބަޔާނުގައި ބުނެފައި ވަނީ، އެންމެ ކުޑަ މުސާރައެއް ކަނޑައަޅަން ޖެހޭނީ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށް ފަހު މި ވަގުތު ހުރި މައްސަލަތައް ހައްލުކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ފަހު ކަމަށެވެ. އަދި އިންޑަސްޓްރީތަކަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
"ކުރެވޭ ދިރާސާތަކަށް ފަހު އެންމެ ފުރަތަމަ ދިވެހިންނަށް އިސްކަންދީގެން މިނިމަމް ވޭޖްއެއް ކަނޑައެޅުން، ދިވެހިންނަށް މިނިމަމް ވޭޒް ކަނޑައެޅައިދިނުމަށް ފަހު ކުރެވޭ ތަޖުރިބާއަށް ބިނާކޮށް ތިން އަހަރުގެ މުއްދަތަކަށް ފަހު ބޭރު މީހުންނަށް މިނިމަމް ވޭޖްއެއް ކަނޑައެޅުން،" އެ ޖަމިއްޔާތަކުން ހުށަހަޅާފައިވެ އެވެ. އަދި އެ ބަޔާނުގައިވާ ގޮތުގައި ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ކުރިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ގެންނަން ޖެހޭ ކަމަށް އިންޑަސްޓްރީތަކުން ދެކެ އެވެ.
މީގެ އިތުރުން، އެ ބަޔާނުގައި ބުނަނީ، މިނިމަމް ވޭޖް ކަނޑައަޅަން ވާނީ އަސާސީ މުސާރައަށް ބަލައިގެން ކަމަށެވެ. އަދި މިނިމަމް ވޭޖް ބޯޑުގައި އިންޑަސްޓްރީތައް ތަމްސީލުކުރާ ޖަމިއްޔާތަކަށް ޖާގަ ލިބޭނެ ގޮތް ހެދުމަށާއި އޭގެ ތެރޭގައި ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޖަމިއްޔާތައް ހިމެނުމަށް ވެސް ހުށަހަޅާފައިވެ އެވެ.
ކަމާ ބެހޭ ފަރާތްތަކުން ސަމާލުކަމަށް ގެނައުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ލޭބާ އޮޑިޓެއް ކުރުމާއި އޮޑިޓްގައި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް، ވަކިވަކި އިންޑަސްޓްރީތަކަށް ކުރި އަށް އޮތް ތިން އަހަރަށް މީހުން ބޭނުންވާނެ ގޮތުގެ ތަފުސީލެއް ހިމެނުމަށް ވެސް އެ ޖަމިއްޔާތަކުން ވަނީ އެދިފަ އެވެ. އަދި މި އޮޑިޓްގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތު އޮތް ވަރާއި ތައުލީމާއި ތަމްރީން ލިބިފައި ތިބި މީހުންނާއި ވަޒީފާގެ ބާޒާރަށް ކަމުދާ ގޮތަށް ތިބި ދިވެހިންގެ އަދަދުތައް ބެލުމާއި އަދި ވަޒީފާތަކަށް ބިދޭސީން ބޭނުންވާ މިންވަރު ބަލައި އިންޑަސްޓްރީތަކުގެ މެދުގައި އަންދާސީ ހިސާބުތަކެއް ހެދުމަށް ވެސް ޖަމިއްޔާތަކުން ވަނީ ގޮވާލައިފަ އެވެ.
އަދި ފަހު ކަމެއްގެ ގޮތުގައި އެ ބަޔާނުގައި ޖަމިއްޔާތަކުން ފާހަގަކޮށްފައި ވަނީ ދިވެހިންނަށް ވަޒީފާ ލިބުމުގައި ހުރި މައްސަލަތަކުގެ ދިރާސާއެއް ހެދުމެވެ.