ރައީސް އަބްދުﷲ ޔާމީނަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކާ ގުޅިގެން މިނިވަން އިންސާފުވެރި ތަހުގީގެއް ހިންގުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީނަށް ކުރެވޭ ރިޝްވަތާއި ވެރިކަމުގެ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރައްވާ ކަމުގެ ތުހުމަތުތަކާ ގުޅިގެން މިނިވަން ތަހުގީގެއް ކުރަން ޖެހޭ ކަމަށެވެ.

އަދާލަތު ޕާޓީން ބުނެފައި ވަނީ އެކަންކަމާ މެދު ފިޔަވަޅު ނާޅައިފި ނަމަ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ މާލިއްޔަތަށާއި ދިވެހި ދައުލަތަށް ފޫނުބެދޭވަރުގެ ބޮޑެތި ގެއްލުންތައް ކުރިމަތިވާނެ ކަމަށެވެ. އަދި ބުނީ ދިވެހި ދައުލަތް ރޫޅި ދިވެހި ރައްޔިތުން ނިކަމެތިވެ، ދައުލަތުގެ މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ އަގުވެއްޓި، ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއާއި ދިވެހި ރައްޔިތުން ފަޟީޙަތްވެދާނެ ކަމަށެވެ.

އަދާލަތު ޕާޓީގެ އިތުރަށް އިދިކޮޅު އެމްޑީޕީ އިން ވެސް ވަނީ ރައީސްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލައި ގަރާރެއް ފާސްކޮށްފަ އެވެ.

އަދާލަތު ޕާޓީ އާއި އެމްޑީޕީ އިން އެހެން ބުނެ ބަޔާނެއް ނެރެފައި ވަނީ "ސްޓީލިން ޕެރެޑައިސް"ގެ ނަމުގައި އަލްޖަޒީރާ އިން ރާއްޖެއާ ގުޅޭ ގޮތުން ޑޮކިއުމަންޓްރީއެއް އިއްޔެ ނެރެފައި ވަނިކޮށެވެ. އެ ޑޮކިއުމަންޓްރީގައި ސަރުކާރުން ކޮރަޕްޝަނާއި މަނީ ލޯންޑްރިން ފަދަ ކަންކަން ހިންގާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ޑޮކިއުމަންޓްރީއާ ގުޅިގެން ސަރުކާރުން ބުނީ ދިވެހި ސަރުކާރަށް ނިސްބަތްކޮށް އަލް ޖަޒީރާ އިން ހެދި ޑޮކިއުމެންޓަރީގެ ބޭނުމަކީ ސަރުކާރު ބަދުނާމު ކުރުން ކަމަށާއި އެ ޑޮކިއުމެންޓްރީގައި ރައީސް ޔަމީންގެ މައްޗަށް ކުރާ އެއްވެސް ތުހުމަތެއް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ހެއްކެއް ހުރި ނަމަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.