08 Sep 2016, 13:20
ބައިނަލްއަގްވާމީ ހަރަކާތެއް ކަމަށްވާ، "ވޯލްޑް ޤުރުއާން އަވާ" ގައި ފުރަތަމަ ފަހަރަށް ރާއްޖޭން ބައިވެރިވާން، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން އިސްނަގައިފި އެވެ.
"ވޯލްޑު ޤުރުއާން އަވާ" ހަރަކާތަކީ 2013 ވަނަ އަހަރުން ފެށިގެން މެލޭޝިއާއިން އިސްނަގައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން އަންނަ ހަރަކާތެކެވެ.
އެގޮތުން އެ ހަރަކާތުގައި މެލޭޝިއާ، ސައުދީ އަރަބިއްޔާ، ތުރުކީ، އިންޑޮނޭޝިއާ، މިސްރު، ބުރުނާއީ އަދި މީގެ އިތުރުން އެމެރިކާ، ސިންގަޕޫރު، އޮސްޓްރޭލިއާ އަދި އިނގިރޭސި ވިލާތުގެ މުސްލިމް މުޖުތަމައުތަކުން ބައިވެރިވެ އެވެ.
މިއަހަރުގެ އެ ހަރަކާތް އޮންނާނީ މިއަހަރުގެ އަރަފާތު ދުވަހު (ޛުލްހިއްޖާ 9، 1437 ވަނަ ދުވަހު)، އެ ހަރަކާތުގައި ބައިވެރިވާ ގައުމެއްގެ ގަޑިން ހެނދުނު 9:00 އިން ފެށިގެން 10:00 ގެ ނިޔަލަށެވެ.
"ވޯލްޑު ޤުރުއާން އަވާ" ހަރަކާތް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އިން ވަނީ "ކީރިތި ގުރުއާނުގެ އިލްހާމުން ކުލުނާއި ޝުކުރުވެރިކަން ލިބިގަތުން" ގެ ނަމުގައި އިލްމީ ފޯރަމެއް ބޭއްވުމަށް ނިންމާފައެވެ.
ސްކޫލްތަކުގެ ދަރިވަރުންނަށާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ބޭފުޅުންނަށް ދައުވަތު ދީގެން ބާއްވާ އެ ފޯރަމްގައި ކަނޑައަޅާފައިވާ ތީމްއާ ގުޅޭގޮތުން ނަގާފައިވާ އާޔަތްތަކުގެ މައްޗަށް ފޯރަމްގައި ހިމެނިވަޑައިގަންނަވާ އިލްމުވެރިން ވާހަކަފުޅު ދައްކަވާނެ އެވެ.
ފޯރަމްގައި މައުލޫމާތު ދެއްވާނީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ޑެޕިއުޓީ ވައިސް ޗާންސެލަރު (އެކަޑަމިކް) ހައްވާ ލަތީފާއި ޔުނިވާސިޓީގެ މަޖިލިސް މެމްބަރު ޑރ. މުހައްމަދު އަލީ އާއި ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް އެޗްއޯޑީ އަބްދުލް އަޒީޒު ހުސެއިނެވެ.