08 Sep 2016, 12:11
މަގްބޫލު އެކްޓްރެސް ކެޓްރީނާ ކައިފް އަކީ އެންމެ ފަހުން ސޯޝަލް މީޑިއާ އާ ގުޅުނު ފަންނާނުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ސޯޝަލް މީޑިއާ އާ ދުރުގައި ހުރުމަށް ފަހު ކެޓްރީނާ ފޭސްބުކާ ގުޅިފައި ވަނީ މީގެ ތިން މަސް ކުރިންނެވެ.
މި ފާއިތުވި ތިން މަސް ދުވަހު ކެޓްރީނާ ފާހަގަ ކުރެވުނީ ސޯޝަލް މީޑިއާގައި ހަރަކާތްތެރި މީހެއްގެ ގޮތުގައެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކެޓްރީނާ ބުނީ ސޯޝަލް މީޑިއާ އަކީ ސަޕޯޓަރުންނާ ގުޅުން ބަދަހިކޮށް ވަގުތު ހޭދަކޮށްލަން ހަމަ އެންމެ ރަނގަޅު ޕްލެޓްފޯމެއް ކަމަށެވެ.
އޭނާގެ 33 ވަނަ އުފަން ދުވަހާ އެކު ފޭސްބުކާ ގުޅުނީ ފޭނުންނާ ގާތް ގުޅުމެއް ބޭއްވުމަށާއި އޭނާ ފަދަ ތަރިއަކު ސޯޝަލް މީޑިއާގައި ހަރަކާތްތެރި ވުމުގެ މުހިއްމުކަން އިހުސާސް ކުރެވިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭނާގެ ފޭސްބުކް ޕޭޖު ލޯންޗުކުރިތާ 12 ގަޑިއިރުގެ ތެރޭގައި ތިން މިލިއަން މީހުން އެ ޕޭޖަށް ލައިކްކުރިއިރު، 24 ގަޑިއިރު ހަމަވިއިރު އެ އަދަދު ވަނީ ހަތަރު މިލިއަނަށް އަރާފައެވެ.
މީގެ އިތުރުން، ކެޓްރީނާ ވެފައި ވަނީ ފޭސްބުކްގައާއި ޓްވީޓާގައި އެ މީހަކާ ގުޅޭ ގޮތުން އެންމެ ގިނަ ބަޔަކު ވާހަކަދެއްކި ތަރީގެ ގޮތުގައެވެ.
ކެޓްރީނާގެ އަމިއްލަ ޓްވީޓާ އެކައުންޓެއް އަދި ހަދާފައި ނުވި ނަމަވެސް، ޓްވީޓާ އަދި އިންސްޓަގުރާމް އާ ގުޅޭނެ ކަމުގެ އުފާވެރި ހަބަރު އޭނާ ވަނީ ފޭނުންނަށް ދީފައެވެ.