ބުދާޕެސްޓް (ސެޕްޓެމްބަރު 8): ހަންގޭރީ އާއި ސާބިއާ ގުޅޭ ބޯޑަރު ކައިރިން ފުލުހުންނަށް ފިލަން ދުވި ރެފިއުޖީންނަށް ހަމަލާ ދިން މައްސަލާގައި އެ ގައުމުގެ ކެމެރާ ކުރާ އަންހެނަކާ ދެކޮޅަށް ޕްރޮސިކިއުޓަރުން ދައުވާކޮށްފި އެވެ.

ޕްރޮސިކިއުޓަރުން ނެރުނު ބަޔާނެއްގައިވާ ގޮތުން ޕީޓްރާ ލަޒްލޯއާ ދެކޮޅަށް ދައުވާކޮށްފައި ވަނީ ޒުވާން ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެއްގެ ފައިގައި ޖެހުމުންނެވެ.

ޕީޓްރާ ލަޒްލޯ ކުޑަ އަންހެންކުއްޖެއްގެ ފައިގައި ޖަހަނީ -- ފޮޓޯ: އޭއެފްޕީ

ޕީޓްރާ ލަޒްލޯގެ މައްސަލައަށް މިދިޔަ އަހަރު ދުނިޔޭގެ ސަމާލުކަން ލިބުނީ ސީރިއާގެ ފިރިހެނަކު އޭނާގެ ދަރިފުޅު އުރައިގެން ދުވެފައި ދަނިކޮށް އޭނާ ފައިއަޅުވާ ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވުމުންނެވެ. އެވީޑިއޯގައި އެފިރިހެން މީހާއާ އެކު އޭނާގެ ދަރިފުޅު ވެއްޓޭ މަންޒަރު ވެސް ފެނިގެންދެ އެވެ.

ސޯޝަލް މީޑިއާގައި އެވީޑިއޯ އާއްމުވެ އެހަމަލާއާ ގުޅިގެން ލަޒްލޯގެ މައްޗަށް ފިޔަވަޅު އަޅަން ގިނަ ބަޔަކު ގޮވާލި ނަމަވެސް ޕްރޮސިކިއުޓަރުން ބުނި ގޮތުގައި އެފިރިހެން މީހާއާ ދިމާލަށް ލަޒްލޯ ފައި ދިއްކުރި ނަމަވެސް، ފިރިހެން މީހާގެ ގައިގައި ލަޒްލޯގެ ފައި ޖެހިފައި ނުވެ އެވެ.

އަދި އެފިރިހެން މީހާ ވެއްޓުނީ ފުލުހުން އޭނާ ހިފަހައްޓަން މަސައްކަތް ކުރުމުން ދުއްވައިގަތުމުން ކަމަށް ޕްރޮސިކިއުޓަރުން ބުންޏެވެ.

އެމައްސަލައާ ގުޅިގެން ލަޒްލޯ މާފަށް އެދުނު ނަމަވެސް އޭނާ ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. ލަޒްލޯ ބުނި ގޮތުގައި އޭނާ އެގޮތަށް އަމަލު ކޮށްފައި ވަނީ އަމިއްލަ ރައްކަލަކަށްޓަކަ އެވެ. (އަލްޖަޒީރާ)