08 Sep 2016, 10:34
އައްޑޫ ސިޓީގެ ފޭދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާ ލިބުނު އެރަށު ސްކޫލްގެ އަންހެން ލީޑިން ޓީޗަރަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ފޭދޫ ބޮޑު މަގުގައި ހުރި ރެސްޓޯރަންޓެއްގެ ކައިރިން ސައިކަލެއް އަނބުރާލަނިކޮށް ފަހަތުން އައި ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

މިއަދު ފޭދޫ ބޮޑުމަގުގައި އެކްސިޑެންޓުވި 2 ސައިކަލް --- ސަން ފޮޓޯ: ކިޔުންތެރިއެއް
ފޭދޫ ސްކޫލްގެ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓުގައި މަރުވީ އެ ސްކޫލްގެ ގްރޭޑް ތިނެއްގެ ލީޑިން ޓީޗަރު ފާތިމަތު ސާދާ ކަމަށެވެ. އޭނާ އަކީ ވަރަށް ދިގު މުއްދަތަކަށް އެ ސްކޫލަށް ޚިދުމަތް ކުރައްވަމުން ގެންދެވި ޓީޗަރެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ފޭދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު ޒަހީން ސަން އަށް ވިދާޅުވީ ސާދާ އެ މަރުކަޒަށް ގެނެސްފައި ވަނީ ހެނދުނު 9:15 ގައި ކަމަށެވެ. ޑޮކްޓަރު އޭނާ ބެލިއިރު، ހާލު ވަރަށް ބޮޑަށް ގޯސްކަމަށް ފާގަކުރެވޭތީ ވަގުތުން ހިތަދޫ ރީޖިނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ޒަހީން ވިދާޅުވިއެވެ.

މިއަދު ފޭދޫ ބޮޑުމަގުގައި އެކްސިޑެންޓުވި 2 ސައިކަލް --- ސަން ފޮޓޯ: ކިޔުންތެރިއެއް
"15 މިނެޓު ތެރޭގައި އަޅުގަނޑުމެން އޭނަ ހިތަދޫ ރީޖިނަލް ހޮސްޕިޓަލަށް ފޮނުވައިފިން،" ޒަހީން ވިދާޅުވިއެވެ.
އުމުރުން 41 އަހަރުގެ ސާދާ މަރުވީ އެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށް ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ ޑިރެކްޓަރު ޝާހު ސައީދު ވިދާޅުވިއެވެ.
އެ އެކްސިޑެންޓުގައި ސާދާ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.