ގ.އެސްބަރީގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 14 މީހަކު ހާލުގައިޖެހި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

އެ ހާދިސާގައި މީހަކަށް ސިއްހީ ގޮތުން މައްސަލައެއް ކުރިމަތިނުވާއިރު ޑިޒާސްޓާގެ ޑިރެކްޓަރު ހިސާން ހަސަން މިއަދު ސަން އަށް ވިދާޅުވީ އެސްބަރީގެ ތިން އާއިލާއެއްގެ 14 މީހުންނަށް ކޮރެލް ހޮޓެލް އިން އެކޮމެޑޭޝަން ހަމަޖައްސާފައިވާ ކަމަށެވެ. ކެއުން ފަދަ އަސާސީ ބޭނުންތައް ވެސް ޑިޒާސްޓާއިން ވަނީ ހަމަޖައްސައި ދީފަ އެވެ.

ސެޕްޓެމްބަރު 7، 2016: ގ. އެސްބަރި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމީހުންގެ ތެރޭގައި ހަތަރު ކުޑަ ކުދިން ހިމެނޭއިރު އެކުދިންގެ ސްކޫލު ސާމާނުތައް ވަނީ އަނދާފައި ކަމަށާއި އެޑިއުކޭޝަން މެދުވެރިކޮށް އެތަކެތި ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އާއިލާތަކުގެ އަންނައުނުތައް އަނދާފައިވާ އިރު އެތަކެތި ހޯދައިދިނުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެމީހުންނަށް ދާއިމީ ހިޔާތަކަށް ވަދެވޭނެ އިރެއް އަދި ލަފާ ކުރަން ނޭނގެ އެވެ.

އެސްބަރީގައި ކަރަންޓް ޝޯޓެއްވެގެން ހިނގި ކަމަށް ބެލެވޭ އެ ހާދިސާގައި ގ.އަސޭނާ އާއި، ގ. މެމޯރީ ވިލާއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.

ރޭ 9:40 ކަންހާއިރު ހިނގި އެއަލިފާނުގެ ހާދިސާގައި ތިން ގެއަކަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާ އިރު އަލިފާންގަނޑު ކޮންޓުރޯލް ކުރެވުނީ ދޮޅުގަޑިއިރެއްހާ އިރުގެ މަސައްކަތުންނެވެ.