08 Sep 2016, 10:22
ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިހާރު ގެންގުޅުއްވަނީ އެހެން ޕާސްޕޯޓެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލުގެ ދިވެހި ޕާސްޕޯޓް މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ވަނީ ކެންސަލްކޮށްފަ އެވެ.
ޑރ. ޖަމީލު ވިދާޅުވީ އަލްޖަޒީރާ އިން ނެރުނު ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް ޔާމީން ހައްޔަރުކޮށް ބައިނަލްއަގުވާމީ ތަހުގީގެއް ކޮށްފާނެ ކަމަށް ހީނުކުރާ ކަމަށެވެ. ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޑރ. ޖަމީލް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވާ މުއައްސަސާތައް ބިރުގަނެ ހިމޭންވުމުގެ ނަތީޖާއަކީ ވައްކަމާއި ޚިޔާނާތައް ދޮރު ހުޅުވުން ކަމަށެވެ.
އަލްޖަޒީރާގެ ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވީ ރައީސް ޔާމީނަށް ނިސްބަތްކޮށް ދައްކަމުންދާ ކޮރަޕްޝަންގެ ވާހަކަތަކާ ގުޅޭ އެއްވެސް ހެއްކެއް އަދި ގަރީނާއެއް އަލްޖަޒީރާގެ ޑޮކިއުމެންޓީގައި ނެތް ކަމަށެވެ.
އިމިގްރޭޝަނުން އިއްޔެ ބުނީ ޑރ. ޖަމީލްގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގުމުން އެ އެންގުމަށް ތަވާބެފައިނުވާތީ ކަމަށެވެ.
އެ އިދާރާ އިން ބުނީ ދިވެހި ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި އުޅެވިދާނެ މީހުންގެ ތެރޭގައި ތަހުގީގީ އިދާރާތަކުގެ އެންގުމަށް ތަބާނުވާ މީހުން ނުހިމެނޭ ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ ޑރ. ޖަމީލާއި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ބޭނުންވަނީ އެ ދެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ތަހުގީގުން ކުރަން ޖެހޭ ސުވާލުތައް ކުރުމަށާއި ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ސިއްރުން ހެކިބަސް ދިން މީހަކު ބުނެފައި ވަނީ ރައީސް ޔާމީން ގާނޫނާ ޚިލާފަށް ހައްޔަރުކުރަން މީގެ ކުރިން ކުރި މަސައްކަތުގެ އެންމެ އަޑީގައި ހުންނެވީ ޑރ. ޖަމީލް ކަމަށެވެ. އަދި އެކަމުގައި އަކުރަމް ވެސް ބައިވެރިވެވަޑައިގެންފައިވާ ކަމަށް ސިއްރުން ހެކިބަސްދިން މީހާ ވަނީ ބުނެފަ އެވެ.
ރައީސް ޔާމީން ގާނޫނާ ޚިލާފަށް ހައްޔަރު ކުރަން އުޅުނު މައްސަލައިގައި ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން 17 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.