08 Sep 2016, 11:00
ސްރީލަންކާގައި ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 69 ވަނަ ރީޖަނަލް ކޮމިޓީ"، މިނިސްޓީރިއަލް ރައުންޑް ޓޭބަލް ކޮންފެރެންސް އޮން ސަސްޓެއިނަބަލް ޑެވެލޮޕްމަންޓް ގޯލްސް އެންޑް ޔުނިވަސަލް ހެލްތު ކަވަރޭޖް"ގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ބައިވެރިވެވަޑައިގެންފި އެވެ.
ދެމެހެއްޓެނިވި ތަރައްގީގައި ހިމެނޭ ސިއްހަތާ ގުޅުން ހުރި ލަނޑުދަނޑިތައް ހާސިލްކުރުމަށް މިދިޔަ ހޯމަ ދުވަހު ފެއްޓި ބައްދަލުވުމުގައި މިނިސްޓަރު ނާޒިމް ވަނީ ހިތާބެއް ދެއްވައިފަ އެވެ.
އެ ވާހަކަތަކުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ސާސްކަފުގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި ދިވެހިރާއްޖެ ހޯދި ކާމިޔާބީތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނދުދަނޑިތައް ހާސިލް ކުރުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ އެއްބާރުލުން ބޭނުންވާނެ ކަމެއް ކަމަށެވެ.
ސަރުކާރުގެ ސިއްހަތުގެ ސިޔާސަތުތަކުގެ ދަށުން ތަންފީޒުކުރަމުންދާ 21 ވައުދު ތަންފީޒުކުރުމުގައި ޔުނިވާސަލް ހެލްތު ކަވަރޭޖް ނުވަތަ ހަމަހަމަކަމާ އެކު އެންމެނަށް ސިއްހަތުގެ ހިޔާ ފޯރުކޮށްދިނުމަށް ކުރަން ބޭނުންވާ ކަންތައްތަކަށް މިނިސްޓަރު އަލިއަޅުވާލެއްވި ކަމަށް ހެލްތު މިނިސްޓްރީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުންޏެވެ.
މިނިސްޓަރު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ބެހޭ މައުލޫމާތުތައް އެއްކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ރަނގަޅު ހެލްތު އިންފޮމޭޝަން ސިސްޓަމެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ސިސްޓަމެއް ރާއްޖޭގައި ތަރައްގީ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަން ވެސް އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.