08 Sep 2016, 10:06
ވޮޝިންޓަން(ސެޕްޓެމްބަރު 8): ރަޝިއާގެ ރައީސް ލަޑީމިއާރ ޕޫޓިންއަކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ވުރެ ރަނގަޅު ލީޑިރެއް ކަމަށް އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް އެފަދައިން ވިދާޅުވެފައި ވަނީ އަސްކަރިއްޔާގައި ހިދުމަތް ކޮށްފައިވާ ފަރާތްތަކުން ސުވާލުތައް ހުށަހެޅި ޓީވީ ފޯރަމްއެއްގައެވެ. މީގެ ކުރިންވެސް ޓްރަމްޕް ވަނީ ޕޫޓިން އަށް ތަައުރީފު ކުރައްވާފައެވެ. އަދި ޕޫޓިން ވަނީ ޓްރަމްޕަކީ 'ހުނަރުވެރި ބޭފުޅެއް' ކަމަށް ވިދާޅުވެފައެވެ.
އިއްޔެ ޓްރަމްޕް ވަނީ ޕޫޓިން އަށް ރަޝިއާގެ 82 ޕަސެންޓު ރައްޔިތުންގެ ތާއީދު އޮންނަ ކަން ފާހަގަ ކުރައްވައި ޕޫޓިން ވަަރަށް ރަނގަޅަށް އެގައުމު ކޮންޓްރޯލް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
"ރަޝިއާގަ އޮންނަނީ ވަރަށް ތަފާތު ސިސްޓަމެއް. އަދި އެއީ އަޅުގަނޑަށް ކަމުދާ ސިސްޓަމަކަށް ނުވި ނަމަވެސް އެސިސްޓަމްގައި ޕޫޓިން ވަނީ އޮބާމާއަށް ވުރެ މާރަނގަޅަށް ލީޑަރެއްގެ ދައުރު އަދާ ކުރައްވާފަ،" ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އިތުރުން ޓްރަމްޕް އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ޓްރަމްޕާއި ޕުޓިންއާ ދެމެދު އޮންނަ ގުޅުން ވަރަށް ރަނގަޅު ވާނެ ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕްގެ އިތުރުން ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ހިލަރީ ކްލިންޓަންވެސް ވަނީ އެފޯރަމްގައި ބައިވެރިވެ ވަޑައިގެންފައެވެ. ހިލަރީ ވަނީ އެމެރިކާގެ ސެނެޓާއެއްގެ މަގާމުގަ އާއި ސެކްރެޓަރީ އޮފް ސްޓޭޓުގެ މަގާމުގައި ހުންނެވި އިރު އޭނާއަށް ލިބިވަޑައިގެންނެވި ތަޖުރިބާގެ ސަބަބުން އެމެރިކާގެ ރައީސަކަށް ވުމަށް އެންމެ ރަނގަޅު ކެނޑިޑޭޓަކީ އޭނާ ކަމަށް ވިދާޅުވެފައެވެ. (ބީބީސީ)