08 Sep 2016, 08:55
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިރޭ ފުލުސް އޮފީހަށް ހާޒިރުވާން ފުލުހުން ޗިޓް ފޮނުވައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ، ޑރ. މަޖީދު ފުލުސް އޮފީހަށް ހާޒިރުކުރަނީ ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް ކަމަށެވެ. މަޖީދު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މިރޭ 8:00 އަށެވެ.
ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ބުނެފައެއްނުވެ އެވެ.
މަޖީދާ ގުޅުން ހުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވާ އިރު، ސްރީ ލަންކާއިން ގިނަ އަދަދެއްގެ ޑޮލަރު ބޭރު ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ އާދީއްތަ ދުވަހު ޑރ. މަޖީދު ވަނީ ލަންކާގެ އެއާޕޯޓުގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ.
ލަންކާގެ ޑެއިލީ މިރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ލަންކާގެ އެއާޕޯޓުން ހައްޔަރު ކުރި ދިވެހި މީހާގެ ދަބަސް ތެރޭގައި 45،000 ޑޮލަރު (691،200 ދިވެހި ރުފިޔާ) ފޮރުވާފައިވާ ހުއްޓާ ފެނުނެވެ.
ލަންކާއިން ހައްޔަރުކުރި މީހާގެ އެއްވެސް މައުލޫމާތެއް އެ ނޫހުގައި ބުނެފައިވާ ނުވިނަމަވެސް، ސަން އަށް އެނގިފައިވާ ވަގަށް ޑޮލަރު ބޭރުކުރަން އުޅުމުން ލަންކާ އެއާޕޯޓުން އެދުވަހު ހައްޔަރުކުރީ މަޖީދެވެ.
ނަމަވެސް ހަމަ އެދުވަހު އޭނާ ވަނީ މާލެ ވަޑައިގެންފަ އެވެ.
ލަންކާގެ ކަސްޓަމްސް ގާނޫނު ބުނާ ގޮތުން 5،000 ޑޮލަރު (76،800 ދިވެހި ރުފިޔާ) އަށް ވުރެ އިތުރަށް ބޭރު ފައިސާ ލަންކާ އިން ބޭރަށް ގެންދެވޭނީ އެކަމަށް ނަގަންޖެހޭ ހާއްސަ ހުއްދައެއް ނަގައިގެންނެވެ.
އެމްޑީޕީގެ ސަރުކާރުގައި އަދާލަތު ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަން ކުރެއްވި ޑރ. މަޖީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވީ 2013ގަ އެވެ. އޭނާ އެމްޑީޕީން ވަކިވެވެވަޑައިގަތުމަށް ފަހު އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.