08 Sep 2016, 09:13
ޒަޕާޓާ ފިފްތު އެނުއަލް ފްލައިބޯރޑް ވޯލްޑް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު އިބްރާހިމް ހުސެއިން (އިއްބަޑޭ) އަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން ދީފިއެވެ.
މިދިޔަ އަހަރު ވެސް ފްލައިބޯރޑް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށް ދުނިޔޭގެ 26 ވަނަ އަށް ރޭންކް ކުރެވިފައިވާ އިއްބަޑޭ އަށް ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތުގެ އިތުރުން ޔޫތު މިނިސްޓްރީން ވަނީ އިއްބަޑޭގެ ޓްރެވަލްގެ ހުރިހާ ހަރަދެއް ދިނުމަށް ނިންމާފައެވެ.
މީގެ ކުރިން މިއަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ މުބާރާތް ވަނީ އަވަސް ކޮށް މިމަހުގެ 16 އިން 18 އަށް އެމެރިކާގެ ފްލޮރިޑާގެ އައްސޭރި ފަށުގައިވާ ނެޕްލެސް ސިޓީގައި ބޭއްވުމަށް ނިންމާފައެވެ. ސަބަބެއްގެ ގޮތުގައި އެ މުބާރާތް ބާއްވާ ޒަޕަޓާ ރޭސިން ޕްރޯ އިން ބުނަނީ ދުނިޔޭގެ ގިނަ މީޑިއާ ތަކަކަށް މުބާރާތް ކަވަރު ކުރުމުގު ފުރުސަތު ދިނުމަށް ކަމަށެވެ.
ރާއްޖޭގެ ޒުވާނުންނަށް ފްލައިބޯޑިން ދަސްކޮށްދިނުމަގައި އަވަދި ނެތި އުޅޭ އިއްބަޑޭ ވަނީ މީގެ ކުރިން އެތައް ފަހަރަކު ރާއްޖޭއިން ބޭރުގެ މުބާރާތް ތަކުގައި ބައިވެރިވެ ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދައިފައެވެ. އެގޮތުން ހައިޑްރޯފްލައިޓުން މިދިޔަ މަހު އާންމު ކުރި ވޯލްޑް ރޭންކިންގ ގައި އޭނާ ހިމެނެނީ 17 ވަނައިގައެވެ.
އިއްބަޑޭގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީ އަކީ މިއަހަރު ފްރާންސްގައި ބޭއްވުނު ޔޫރަޕިއަން ފްލައިބޯޑް ޗެމްޕިއަންޝިޕްގެ ތިންވަނަ ހޯދުމެވެ. މިއަހަރުގެ މުބާރަތުން ވެސް ރަނގަޅު ވަނައެއް ހޯދުމުގެ އުންމީދު އެބައޮތްކަމަށް އިއްބަޑޭ ބުނެއެވެ.