އެޕަލް ކުންފުނީގެ ސްމާޓްވޮޗް އެޕަލް ވޮޗްގެ ދެ ވަނަ ސީރީޒްގެ ގަޑި، އެޕަލް ވޮޗް 2 ތައާރަފު ކޮށްފި އެވެ.

އެމެރިކާގެ ސެން ފްރެންސިސްކޯގައި ކުރިޔަށް ދިޔަ އެޕަލްގެ ޚާއްސަ އިވެންޓުގައި އެ އަތުކުރި ގަޑި ތައާރަފު ކޮށްފައިވާ އިރު، މި އަތުކުރި ގަޑީގެ ޚާއްސަ ކަމަކީ، އެ ގަޑިއަކީ ފެނުގެ 50 މީޓަރު އަޑިއާ ހަމައަށް ވޯޓަރ ރެސިސްޓަންޓް ގަޑިއެއް ކަމެވެ.

އެޕަލް ވޮޗްގެ ފުރަތަމަ އަތުކުރި ގަޑި މީގެ ދެ އަހަރު ކުރިން ތައާރަފު ކުރި އިރު، އެ ގަޑިއަކީ ހަމައެކަނި ސްޕްލޭޝް ރެސިސްޓަންޓް ގަޑި އެކެވެ.

އެހެން ނަމަވެސް، އަލަށް ތައާރަފު ކުރި ގަޑި އަޅައިގެން މޫދަށް އެރެ، ފަތައި، ރާޅައި އެޅުން ފަދަ ވޯޓާ ސްޕޯޓްސްތަކުގައި އުޅޭ އިރު އަޅައިގެން އުޅުނަސް ގަޑި ހަލާކެއް ނުވާނެ އެވެ.

އެޕަލްގެ ސީއޯއޯ ޖެފް ވިލިއަމްސް ވިދާޅުވި ގޮތުގައި އެޕަލް ވޮޗް 2 ހަދާފައި ވަނީ، އޭގެ ސްޕީކަރަށް ފެން އެޅުމުން ފޯނުގެ އެތެރެއަށް ފެން އެޅުމުގެ ބަދަލުގައި ފެން ބޭރު ކޮށްދެނީ ސްޕީކަރެވެ.

އެޕަލް ވޮޗް 2 ގައި ޑުއަލް ކޯ ޕްރޮސެސަރެއް ހުންނަ އިރު އޭގައި ހިމަނާފައިވާ ޖީޕީޔޫ ޗިޕާ އެކު އޭގެ ގްރެފިކްސް ކުރިއަށް ވުރެ ދެ ގުނަ ރަނގަޅު ވާނެ އެވެ.

މީގެ އިތުރުން އެޕަލް ވޮޗް 2 އާ އެކު އެޕަލް ވޮޗް ނައިކީ ޕްލަސް ވެސް ވަނީ އިފްތިތާހު ކޮށްފަ އެވެ.

އެޕަލް ވޮޗް 2 އަދި ނައިކީ ޕްލަސް ވިއްކުމަށް ހަމަޖެހިފައި ވަނީ 369 ޑޮލަރަށެވެ. އަދި އެންމެ ފުރަތަމަ އެޕަލް ވޮޗްގައި ވެސް ޑުއަލް ކޯ ޕްރޮސެސާއެއް ލައި އެ އަޕްގްރޭޑު ކުރުމަށް ނިންމާފައިވާ އިރު، އެ ގަޑި ވިއްކާނީ 269 ޑޮލަރަށެވެ.