08 Sep 2016, 09:03
ދެހާސް ފަނަރަ ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ޕީކޫ" އިން މެގަސްޓަރ އަމީތާބް ބައްޗަން އަށްވުރެ، ބޮޑު އާމްދަނީ އެއް ދީޕިކާ ޕަދުކޯން އަށް ލިބުނު ކަމަށް އަމީތާބް ބުނެފި އެވެ.
އަމީތާބު އެކަން ހާމަކޮށްފައި ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު، "ޕިންކް"ގެ ޕްރޮމޯޝަންގެ މަސައްކަތުގެ ތެރެއިން އޮންލައިން ނޫހަކަށް ދިން އިންޓަވިއުއެއްގައެވެ.
ހިންދީ ފިލްމީ ދާއިރާގައި ޖިންސީ ތަފާތު ކުރުން ގެންގުޅޭތޯ ކުރި ސުވާލަށް ޖަވާބު ދެމުން އަމީތާބް ބުނީ "ޕީކޫ"ގައި އޭނާ އަދާކުރި ރޯލަށް ލިބުނު އަގަށް ވުރެ، ދީޕިކާ އަށް ލިބުނު އަގު ބޮޑު ކަމަށެވެ.
އަދި ދީޕިކާ އަށް ބޮޑު އަގެއް ހުށަހެޅީ އެ ފިލްމުގައި ދީޕިކާ އަދާކުރި ރޯލު ބޮޑަށް މުހިންމު ވުމުން ކަމަށް ދެކޭ ކަމަށް ވެސް އަމީތާބު ވަނީ ބުނެފައެވެ.
ނޫން ނަމަ އަމީތާބަށް ދަށް އަގެއް ހުށަހެޅީ ފިލްމީ ދާއިރާގައި މާ ގިނަ ދުވަހު އުޅުމުގެ ސަބަބުން އޭނާގެ މުހިންމު ކަން ކުޑަވެފައި ވާތީ ކަމަށް ވެސް އަމީތާބު ވަނީ ބުނެފައެވެ.
ދީޕިކާ އަކީ މިވަގުތު ބޮލީވުޑުގައި ހުރި އެންމެ އަގުބޮޑު އަންހެން ފަންނާނެވެ. އަދި ދީޕިކާ ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު އަންހެން ފަންނާނުންގެ ލިސްޓުގެ 10 ވަނައިގައި ވެސް ހިމެނިފައެވެ.