ކެރަމް އެސޯސިއޭޝަންގެ ކުރީގެ ހިންގާ ކޮމިޓީގެ މެމްބަރަކު އެ އެސޯސިއޭޝަނުގެ ބަޖެޓުގެ 4691ރ. އަށް ހިޔާނާތްތެރިވެފައިވާ ކަމަށް ސާބިތުވެފައިވާ ކަމަށް ބުނެ އަދި އެ ކޮމިޓީގެ އިތުރު ދެ މެމްބަރަކު އެސޯސިއޭޝަނުގެ 288،695ރ. އަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އެ ތިން މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅައިފި އެވެ.

ކެރަމް އެސޯސިއޭޝަނުގެ ފައިސާގެ މައްސަލަތަކަކާއި އެ އެސޯސިއޭޝަނަށް ތަކެތި ހޯދުމުގައި ބޯޑުގެ މެމްބަރުން އިހުމާލުވެފައިވާ ކަމަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އޭސީސީން ކުރިއަށްގެންދިޔަ ތަހުގީގަށް ފަހު ނެރުނު ބަޔާނުގައި ބުނަނީ، އެ އެސޯސިއޭޝަނުގެ ހިސާބުތަކުން 4691ރ. މަދުވާ ކަމަށް ދައްކާ ކަމަށާއި އެ ފައިސާ އަށް ހިޔާނާތްތެރިވެފައި ވަނީ އޭރު ހަޒާންދާރުގެ މަގާމުގައި ހުންނެވި ގ. ގްރީންލިން، އަލީ ނަދީމް ކަމަށެވެ.

މީގެ އިތުރުން 2008 އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮތް 1084 ނަންބަރު އެކައުންޓުން ހަރަދުކުރުމަށް ނެގި 318،420ރ.ގެ ތެރެއިން ހަރަދުކުރި ކަމަށް ލިޔެކިޔުންތަކުން ފެންނަން އޮތީ ހަމައެކަނި 29،725ރ. ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

އެހެންކަމުން "ހަރަދުކުރީ ކޮން ކަމަކަށް ކަން ނޭނގި 288،695ރ. ކެރަމް އެސޯސިއޭޝަނުގެ ބޭންކު އެކައުންޓުން ނަގާފައިވާ" ކަމަށް ފާހަގަކުރެވިފައި ކަމަށާއި "ލިޔެކިޔުންތަކަށް ނާރުވައި" އެ ފައިސާ ހަރަދުކޮށްފައި ވަނީ އެ މުއްދަތުގައި ކެރަމް އެސޯސިއޭޝަނުގެ ހަރަދުތައް ކުރުމުގައި އުޅުއްވި އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ މ. ނާއިންފަރުއާގެ މުހައްމަދު ޝާޒްލީ އާއި ކުރީގެ ޗެއާމަން ގ. ސައިމާ، އިބްރާހިމް ޝަހީމް ކަމަށް ވެސް އޭސީސީ ބުނެފައިވެ އެވެ.

އެހެންކަމުން އެ ދެ ބޭފުޅުން އެސޯސިއޭޝަނުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ކޮމިޝަނަށް ސާބިތުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ދެ ބޭފުޅުން މަގާމުގުގެ ނުފޫޒު ބޭނުންކުރެއްވިކަން ކަން ވެސް އޭސީސީން ކުރި ތަހުގީގުން ވަނީ އެނގިފައި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އެގޮތުން ލަންކާ އަށް ކެރަމް މުބާރާތަކަށް 2008 ވަނަ އަހަރު ކުރި ދަތުރުގައި ސައިމާ އިބްރާހިމް ވަނީ އެސޯސިއޭޝަނުގެ ނަމުގައި އޭނާގެ އާއިލާގެ މެމްބަކަރަށް މާލެ ކޮލޮމްބޯ ދެކޮޅު ޓިކެޓް ނަގާފައިވާ ކަމަށާއި އެ ޓިކެޓަށްވާ ފައިސާ ކޮމިޝަނަށް ދައްކާފައިނުވާތީ މަގާމުގެ ނުފޫޒުގެ ބޭނުން ހިފައި ނާޖާއިޒު ފައިދާ ހޯދާފައިވާ ކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީން އަދި ބުނެފައި ވަނީ، ހަމަ އެ ދަތުރުގައި ބައިވެރިވި ޝާޒުލީ ވަނީ ކޮލޮމްބޯ އިން ޓްރިވެންޑްރަމަށް ދިއުމަށް ޓިކެޓެއް ނަގާފައި ކަމަށާއި އެއީ އަމިއްލަ ބޭނުމެއްގައި ކުރި ދަތުރެއް ކަމަށް ސާބިތުވާތީ އޭނާ ވެސް މަގާމުގެ ނުފޫޒުގެ ބޭނުން ހިފައި ނާޖާއިޒު ފައިދާއެއް ހޯދާފައިވާ ކަމަށެވެ.

"މި މައްސަލަތކުގައި ކެރަމް އެސޯސިއޭޝަނުގެ ކުރީގެ ހިންގާ ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ތިބި އަލީ ނަދީމާއި އިބްރާހިމް ޝަހީމާއި މުހައްމަދު ޝާޒްލީ ކެރަމް އެސޯސިއޭޝަނުގެ ފައިސާއަށް ހިޔާނާތްވެ، ނާޒާއިޒު ފައިދާ ހޯދާފައިވާ ކަމަށް މި ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގަށް ސާބިތުވެފައިވާތީ، މި މައްސަލަ ޝަރީއަތަށް ހުށަހަޅުއްވައިދެއްވުމަށް އެދި 01 ޖޫން 2011ގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ވާނީ ފޮނުވިފަ އެވެ."