08 Sep 2016, 00:40
ރާއްޖެއާ ބެހޭގޮތުން އަލްޖަޒީރާއިން މިއަދު އާއްމުކުރި ރިޕޯޓް، "ސްޓީލިން ޕެރަޑައިސް" ގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނު ހައްޔަރުކޮށް ތަހުގީގެއް ހިންގަން ފުލުހުންނަށް ހުށަހަޅަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ގަރާރެއް ފާސްކޮށްފި އެވެ.
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ކުއްލި ގައުމީ މަޖިލީހަށް އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ހުށަހެޅި ގަރާރު ފާސްވީ ޖަލްސާއަށް ހާޒިރުވި 42 މެމްބަރުންގެ އިސްތިފާގުންނެވެ.
އެ ގަރާރުގައި ތަހުގީގެއް ހިންގަން ފުލުހުންނަށް ގޮވާލާފައިވަނީ ސަރުކާރުގެ މައްޗަށް ތުހުމަތުކުރާ ބޮޑު މަނީލޯންޑެރިން މައްސަލަ އާއި ރައީސް ޔާމީންގެ ނަންފުޅުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ދެ ފަހަރެއްގެ މަތިން މިލިއަން ޑޮލަރު ޖަމާ ކުރި މައްސަލަ އެކެވެ.
އޭގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުކުމް އިއްވީ ރައީސް ޔާމީން ވިދާޅުވި ގޮތަށް ކަމަށް ބުނާ މައްސަލަ އާއި ފަނޑިޔާރަކަށް ފައިސާ ދިން މައްސަލަ އަދި ނޫސްވެރިޔާ އަހުމަދު ރިލްވާން ތަހުގީގަށް ރައީސް ޔާމީން ހުރަސްއެޅުއްވި ކަމަށް ކުރާ ތުހުމަތާއި ރާއްޖެ ތީވީގައި ރޯކޮށްލި މައްސަލަ ވެސް ތަހުގީގު ކުރުމަށް ގޮވާލައި ފުލުހުންނަށް ހުށަހަޅަން އެމްޑީޕީގެ ގަރާރުގައި ބުނެފައިވެ އެވެ.
ގަރާރުގައި ބުނެފައިވަނީ، ރައީސް ޔާމީން ބަންދުގައި ބަހައްޓައިގެން މައްސަލަތައް ތަހުގީގު ކުރަން ޖެހެނީ އެ މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުއްވުމުގެ ފުރުސަތު އޮތުމުންނެވެ.
އަލްޖަޒީރާގެ ރިޕޯޓުގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އާއި ޓެރަރިޒަމްގެ އަމަލުތަކެއްގެ ތުހުމަތުތަކެއް ކޮށްފައިވާއިރު ސަރުކާރުން ވަނީ އެކަމަށް ރައްދުދީ އެކަން ދޮގުކޮށްފަ އެވެ.
އެގޮތުން، ރައީސްގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ، ރައީސް ޔާމީނަށް ތުހުމަތުކޮށް އަލް ޖަޒީރާ އިން ދައްކާފައި ވަނީ ކަނޑައެޅިގެން ދޮގު ވާހަތަކެއް ކަމަށާއި އެ ރިޕޯޓުގައި ދައްކާފައިވާ ވާހަކައިގެ އެއްވެސް ހެއްކެއް ގަރީނާއެއް ނެތް ކަމަށެވެ.