ކުރީގެ ރައީސް މައުމޫން އަބްދުއް ގައްޔޫމް، އިދިކޮޅު އިއްތިހާދާ ގުޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، މައުމޫނަށް ފައިސާ ދެއްވި ކަމަށް ބުނެ އަލްޖަޒީރާއިން ކުރި ތުހުމަތުތައް އެ ދެ ބޭފުޅުން ވެސް ދޮގުކޮށްފި އެވެ.

ރާއްޖެއާ ގުޅޭ ގޮތުން އަލްޖަޒީރާއިން މިއަދު އާއްމު ކުރި ރިޕޯޓް، "ސްޓީލިން ޕެރަޑައިޒް" ޑޮކިއުމަންޓަރީ އަށް ބިނާކޮށް އެ ރިޕޯޓް ހެދި ވިލް ޖޯޑަން މިއަދު އަލްޖަޒީރާގެ ވެބްސައިޓުގައި ޝާއިއު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ އިއްތިހާދެއް ހައްދަވަން ރައީސް މައުމޫނާއި ނަޝީދު މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަލްޖަޒީރާގެ ތުހުމަތުތައް ދޮގުކޮށް ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ހަރަކާތަކާ ގުޅެން ނުވަތަ ސަޕޯޓްކުރަން ގުޅިވަޑައިގަތުމަށް އެއްވެސް ފައިސާ އަށް އެދި ނުވަތަ ލިބިފައި ވެސް ނުވާނެ ކަމަށެވެ.

އިތުބާރު ހުރި ފަރާތްތަކަކާ ހަވާލާދީ ލިޔެފައިވާ އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ، ނަޝީދާއި މައުމޫނާ ދެމެދު ކުރި މަޝްވަރާތަކުގައި ނަޝީދުގެ "ނިޔަތް ރަނގަޅުކަން ހާމަ ކުރެއްވުމަށް" 100،000 ޑޮލަރު (1.5 މިލިއަން ރުފިޔާ) ދެއްވަން މައުމޫން މިއަހަރުގެ ކުރީކޮޅު އެދިވަޑައިގަތެވެ.

އަދި ބުނެފައި ވަނީ، މައުމޫން އެދިވަޑައިގަތް އަދަދުގެ ތެރެއިން 50،000 ޑޮލަރު ނަޝީދު، މައުމޫނަށް ދެއްވާފައިވާ ކަމަށެވެ.

އެކަމަކު އެކަން ދޮގުކުރައްވާ ނަޝީދު ދާދި ދެންމެ އަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫނާ ދެމެދު ފައިސާގެ މުއާމަލާތެއް އެއްވެސް އިރަކު ނުހިނގާ ކަމަށެވެ. އަދި ދެބޭފުޅުންގެ ދެމެދު އަބަދުވެސް ދެކެވިފައި ވަނީ ޑިމޮކްރަސީގެ ވާހަކަ ކަމަށް ވިދާޅުވެފައިވެ އެވެ.