02 Jun 2011, 13:18
ނ. މަނަދޫން އިމަޖެންސީކޮށް މާލެ ގެނައި ބަލި މީހަކު އައިޖީއެމްއެޗަށް ގެންދިއުމުން އެނދު ނެތިގެން ގެއަށް ފޮނުވާލައިފި އެވެ.
މިދިޔަ އަންގާރަ ދުވަގެ ރޭ އައިޖީއެމްއެޗަށް އިމްޖެންސީގައި ގެންދިޔަ މަނަދޫ މާވިނަ މޫސާ ހުސެއިން 71، އިމަޖެންސީ ރޫމްގައި ބޭއްވުމަށް ފަހު އޭނާ ބެއްލެވި އޮޕަރޭޝަން ދެ ޑޮކްޓަރުން ވެސް އިރުޝާދުދީފައި ވަނީ އެޑްމިޓްކުރަން ކަމަށް މޫސަގެ އެއް ދަރި އަލީ ޝިޔާމު ބުންޏެވެ.
ޝިޔާމު ބުނީ އޭނާގެ ބައްޕަ ރަށުން މާލެ ގެނައީ މަނަދޫ ހޮސްޕިޓަލުން ބެލުމަށް ފަހު މާލެ ގެންގޮސް ބައްޕަ އެޑްމިޓް ކުރަން ލަފާ ދިނުމުން ކަމަށެވެ. އެހެން ނަމަވެސް ހޮސްޕިޓަލުން މާ ބޮޑު ފަރުވާއެއް ބައްޕަ އަށް ނުދީ ވަނީ ދޫކޮށްލާފައި ކަމަށް ޝިޔާމް ބުންޏެވެ.
"ބައްޕަގެ ބުރަކަށީގައި ވަރަށް ބޮޑު ފާރުގަނޑެއް ހުރެފައި ކުޑަކަމުދާއިރު ވެސް ލޭ ހުންނާތީ މަނަދޫ ހޮސްޕިޓަލުން ބުނީ މާލެ ގެންގޮސް ސްކޭނެއް ހަދައި މާލޭން އިތުރު ފަރުވާ ހޯދާށޭ. ކަނޑު ގަދަކަމުން އަޅުގަނޑުމެން މާލެ ނާންނަން އުޅުނީ. އެކަމު ވަރަށް ބުރަ މަސައްކަތަކާ އެކު މިކޮޅަށް އައީ،" ޝިޔާމު ބުންޏެވެ.
ޝިޔާމް ބުނީ ނެޕީ ޖައްސައިގެން ބަލަހައްޓަމުން އަންނަ ބައްޕަ މާލެ ގެނައި ގޮތަށް ގެންދިޔައީ ހޮސްޕިޓަލަށް ކަމަށެވެ. އަދި މިހާރު ވެސް ހޮޅި ގުޅައިގެން ކާންދީ ކުޑަކަމުދާ އެއްޗެހި ބޭރު ކުރަމުން އަންނަ ބައްޕަ ބެއްލެވި އޮޕަރޭޝަން ޑޮކްޓަރު ހޮސްޕިޓަލުގައި އެޑްމިޓްވާން ބުނެފައިވަނިކޮށް އިތުރު ނަރުހަކު އައިސް ބައްޕަ ޑިސްޗާޖް ކޮށްފައިވާ ކަމަށް ބުނި ކަމަށެވެ. ނަމަވެސް ޑޮކްޓަރުން އެޑްމިޓްވާން ލަފާ ދީފައި ވަނިކޮށް ވާތް ފަޅި ވާގި ގޮސްފައިވާ ބައްޕަ ޑިސްޗާޖް ނުކުރެވޭނެ ކަމަށް ބުނުމުން ވެސް ހޮސްޕިޓަލުން އެއްވެސް އެއްޗެއް ނުބުނެ ޑިސްޗާޖްކޮށްލީ ކަމަށް ވެސް ޝިޔާމު ބުންޏެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ އެ ޕޭޝަންޓް ރޭގެ ވަގުތެއްގައި ދޫކޮށްލި ގޮތުގެ ތަފްސީލް އާއިލާ އަށް ބުނެދީފައި ވާނެ ކަމަށެވެ. އަދި އެންމެ ފުރަތަމަ ޑޮކްޓަރު ބަލާފައި އިރުޝާދު ދިނީ އެޑްމިޓް ކުރަން ކަމަށާއި ނަމަވެސް ހޮސްޕިޓަލުގެ ޖާގަ އަށް ބެލުމަށް ފަހު ގޭގައި ވެސް ފަރުވާދެވޭނެ ކަމަށް ފަހުން ޑޮކްޓަރުން ބުނުމުން ދޫކޮށްލީ ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ. އަދި އޭރު ވެސް ސާޖަރީ އަށް ބަޔަކު ތައްޔާރުކޮށް އެނދު ނުލިބިގެން މަޑު ކޮށްފައިވާ ކަމަށް ޒީނަތު ވިދާޅުވި އެވެ.
ޒީނަތު ވިދާޅުވީ މިދުވަސް ކޮޅަކީ ސްކޫލް ބަންދު ދުވަސް ވަރަކަށް ވާތީ ރަށްރަށުން ޑޮކްޓަރަށް ދައްކަން އަންނަ މީހުން އިތުރުވެފައިވާ ކަމަށެވެ. އަދި އެނދު ހޯދުމުގެ މައްސަލަ ބޮޑުވެފައިވާ އިރު ވީހާ ވެސް ބޮޑަށް ބަލަނީ އެޑްމިޓްނުކޮށް ފަރުވާދެވޭނެ ގޮތެއް ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.