ދިވެހީން އުފައްދާ ބައެއް މޯބައިލް އެޕްލިކޭޝަންތައް ސަރުކާރުގެ ސްޕޮންސާގެ ދަށުން ބައިނަލްއަގުވާމީ މާކެޓަށް ނެރެދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ، އައިޓީ ދާއިރާ، ސިނާއަތެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި، ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ރާއްޖޭގައި އައިޓީ ދާއިރާގައި އުފައްދާ އެޕްލިކޭޝަންތައް ބައިނަލްއަގުވާމީ މާކެޓަށް ނެރެން ބޭނުންވާ ކަމަށެވެ.

އެންޓަޕްރައިސް ޑިވެލޮޕްމެންޓް (އީޑީ) އިނޮވޭޓްގެ ދަށުން، އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ ސޮފްޓްވެއާ އަދި އެޕްލިކޭޝަން އުފެއްދުމުގެ މުބާރާތެއް އިއުލާން ކޮށްފަ އެވެ.

އަބްދުﷲ ވިދާޅުވީ، "ފައިވް ބެެސްޓް އެޕްސް ޗެލެންޖް 2016" ގެ ނަމުގައި ކުރިޔަށް ދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 25 ސެޕްޓެމްބަރާ ހަމައަށް ކުރިޔަށް ދާނެ ކަމަށާއި، އޮކްޓޫބަރު 18 ވަނަ ދުވަހާ ހަމައަށް، މުބާރާތަށް އެޕްލިކޭޝަނާއި ސޮފްޓްވެއާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އެންމެ ރަނގަޅު ފަސް އެޕްއަކަށް މި ދެނީ، މިއަހަރު ނިއުދިއްލީގައި އޮންނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގައި އަޅުގަނޑުމެން ސްޕޮންސާ ކޮށްގެން ބައިވެރިވުމުގެ ފުރުސަތު. އެހެންވީމާ ބައިނަލްއަގުވާމީ ބާޒާރުގައި އަޅުގަނޑުމެންގެ ގައުމުގެ މި ސިނާޢަތުގެ އުފެއްދުންތަކަށް ފުރުސަތު ލިބިގެން ދާނެ،" ޑެޕިއުޓީ މިނިސްޓަރ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެންމެ ރަނގަޅު ފަސް އެޕްއެއް ނުވަތަ ސޮފްޓްވެއާއެއް ހޮވާނީ ފަސް ދާއިރާއަކުން ކަމަށެވެ. އެ ދާއިރާތަކަކީ ޓޫރިޒަމް ދާއިރާ، ތައުލީމީ ދާއިރާ، ހެލްތު ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ އަދި އޯޕަން ދާއިރާއެކެވެ.

އެންމެ ރަނގަޅު ފަސް އެޕް ކަނޑައެޅުމަށް، އެ އެޕް ބޭނުންކުރަން ފަސޭހަކަމާއި، އެ މަސައްކަތް ކުރާ ގޮތާއި، އޭގެން އާމްދަނީ ހޯދޭނެ ގޮތާއި އަދި އެކި ކަހަލަ ޑިވައިސްތަކަށް ކޮމްޕެޓިބަލްކަމަށް ބެލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.