ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކާއި ފަގީރު ކަމުގެ ސަބަބުން 50 މިލިއަން ކުޑަކުދިންނަށް ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށް ޔުނިސެފުން ބުނެފި އެވެ.

ޔުނިސެފުން އިއްޔެ ނެރުނު ރިޕޯޓެއްގައިވާ ގޮތުން ގާތްގަނޑަކަށް 28 މިލިއަން ކުޑަކުދިން ގެދޮރު ނެތިފައި ވަނީ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. އޭގެ ތެރެއިން ގިނަ ކުދިން ގެދޮރު ދޫކޮށް ދަނީ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރަން ކަމަށް ޔުނިސެފްގެ ރިޕޯޓުގައިވެ އެވެ.

އެރިޕޯޓުގައިވާ ގޮތުން ފާއިތުވި 10 އަހަރު ތެރޭގައި ރެފިއުޖީ ކުޑަކުދިންގެ އަދަދު ވަނީ ދެގުނަ އަށް ވުރެ އިތުރުވެފަ އެވެ. އަދި މިހާރު ރެފިއުޖީ ކުޑަކުދިންގެ އަދަދު ވަނީ 8.2 މިލިއަނަށް އަރާފަ އެވެ. އެއީ ދުނިޔޭގައި މިހާރު އޮތް ރެފިއުޖީންގެ އާބާދީގެ ދެބައިކުޅަ އެއްބައި ކަމަށް ވެސް ޔުނިސެފުން ފާހަގަ ކޮށްފައިވެ އެވެ.

މީގެ އިތުރުން، އެރިޕޯޓުގައިވާ ގޮތުން ރެފިއުޖީ ކުޑަކުދިންގެ ތެރެއިން 45 ޕަސެންޓް ކުދިން ނިސްބަތް ވަނީ ސީރިއާއަށާއި އަފްގާނިސްތާނަށެވެ.

"އެކުދިންނަކީ ވެސް ކުޑަކުދިން. އެކުދިންނާ މެދު އަމަލު ކުރަން ޖެހޭނީ ހަމަ ކުޑަކުދިން ފަދައިން. އެކުދިންނަށް ރައްކާތެރިކަން ދޭން ޖެހޭނެ. އަދި ތައުލީމު ފަދަ ހިދުމަތްތައް ދޭން ޖެހޭނެ،" ޔުނިސެފުގެ ޑިރެކްޓާ އޮފް ޕްރޮގްރާމްސް، ޓެޑް ޗައިބާން ވިދާޅުވި އެވެ. (އަލްޖަޒީރާ)