ޒުވާން ވިޔަފާރިވެރިނާއި އެކި ދާއިރާތަކުގައި އިސްވެ މަސައްކަތް ކުރާނެ ޒުވާން ލީޑާރުންނަށް ޚާއްސަކޮށްގެން އުރީދޫއިން "ޔޫތު އެމްބެސެޑަރ" ޕްރޮގްރާމްގެ ނަމުގައި ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ފަށައިފި އެވެ.

އުރީދޫ މޯލްޑިވްސްއިން ބުނާ ގޮތުގައި ޔޫތު އެމްބެސެޑަރ ޕްރޮގްރާމުގެ ދަށުން އެއް ދުވަހުގެ ޓްރޭނިންގް ސެމިނާއެއް ބާޢްވާ އިރު، އެއަށް ބިނާކޮށް އެސެސްމަންޓުތަކެއް ކުރިޔަށް ގެންގޮސް، އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުދިންނަށް އުރީދޫގައި ތިން މަހުގެ އިންޓާންޝިޕް ލިބޭނެ އެވެ.

އަދި އެ މުއްދަތުގެ ތެރޭގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ ކުއްޖަކަށް ބިޒްނަސް ދާއިރާއިން ޑިޕްލޮމާ ކޯހެއް ހެދުމުގެ ސްކޮލަޝިޕެއް ހަދިޔާ ކުރާނެ ކަމަށް އުރީދޫއިން ބުނެ އެވެ.

ޔޫތު އެމްބެސެޑާ ޕްރޮގްރާމް އިއްޔެ ބ. އޭދަފުށީގައި ވަނީ ފަށައިފަ އެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ކޮންމެ ޒުވާނަކީވެސް ތަމްރީނު ލިބި، ރަނގަޅު ފުރުސަތުތަކެއް ލިބިއްޖެ ނަމަ މުޖުތަމައަށް މަންފާ ކޮށްދޭނެ ކުއްޖެއް ކަމަށާއި، އުރީދޫއިން ބޭނުންވަނީ އުރީދޫގެ ހުނަރުތަކާއި އިލްމާއި ތަޖުރިބާ ޒުވާނުންނާ ހިއްސާ ކުރަން ކަމަށެވެ.

"މިއީ ސްކޫލް ނިންމައި ވަޒީފާގެ މައިދާނަށް ނުކުންނަ ޒުވާނުން ތަމްރީނުކޮށް، ވަޒީފާގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްކޮށްދީ، ޑިޖިޓަލްވެފައިވާ ދުނިޔޭގައި ކާމިޔާބީ ހޯދުމަށް މަގުފަހިކޮށްދޭނެ ޕްރޮގްރާމެއް،" ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި އެވެ.

އުރީދޫއިން ބުނީ ބ. އޭދަފުށިން ފެށި މި ޕްރޮގްރާމް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާ ކުރާނެ ކަމަށެވެ.