ރާއްޖޭގައި ހަރަކާތްތެރިވާ ތަފާތު އެކި ކުޅިވަރު އެތުލީޓުންގެ ތެރެއިން ފާހަގަ ކޮށްލެވޭ 32 އެތުލީޓަކަށް ސްޕޯޓްސް ސްކޮލަސިޕް ފުރުސަތު ހޯދަދިނުމުގެ މަސަތްކަތް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ފަށައިފިއެވެ.

އޮލިމްޕިކް ކޮމެޓީގެ ފަރާތުން ކުރިއަށް ގެންދާ 'ޕާޓްނާސް އޮފް އެމްވީ ސްޕޯޓްސް' އާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެ ކޮމެޓީގެ ޖެނަރަލް ސެކެޓްރީ އަހުމަދު މަރްޒޫގް(މަރޭ) ވިދާޅުވީ، އެ ޕްރޮގްރާމްގެ މަގުސަދަކީ އެތުލީޓުންގެ ހުނަރު ކުރިއެރުވުމަށް ރާއްޖޭން ބޭރުން ހޯދަންޖެހޭ ތަމްރީން ހޯދުމަށް ބޭނުންވާ ސްކޮލަޝިޕް ޕްރޮގްރާމް ތަކަށް ކުންފުނި ތަކުގެ އެއްބާރުލުން ހޯދުން ކަމަށާއި މިހާރު މިހާތަނަށް ހަތް ސްކޮލަޝިޕެއްގެ ފަންޑް ލިބިފައިވާ ކަމަށެވެ.

" ކުރީގައި އަޅުގަނޑުމެންގެ ތެރެއިން ފަސް ވަރަކަށް ކުދިން މި ދިޔައީ ތަމްރީން ހެދުމަށް ރާއްޖެއިން ބޭރަށް. އެ ކުދިންގެ ނަތީޖާތައް އަޅުގަނޑުމެން އެންމެނަށް ފެނިފައިވާނީ. ދިވެހިން އުފާކޮށްދީފައިވާނީ. ގާތްގަޑަކަށް އަށް ރަން މެޑަލް އެ ކުދިން ހޯދާފައި ވާނެ،" މަރޭ ވިދާޅުވިއެވެ.

މަރޭ ވިދާޅުވީ، އެ ނަތީޖާ ތަކަށް ބެލުމަށް ފަހު އޮލިމްޕިކް ކޮމެޓީން މިހާރު ނިންމާފައިވާނީ އަންނަ އަހަރުގެ ޖެނުއަރީގައި 32 ކުދިން ރާއްޖޭން ބޭރަށް ތަމްރީން ހެދުމަށް ފޮނުވަން ކަމަށެވެ.

"އެއް އަހަރުގެ ތަމްރީން ޕްރޮގްރާމެއްގައި ދިޔަ ނަމަވެސް އަޅުގަނޑުމެން މި ނިންމަނީ ކުރިއަށް އޮތް ހަތަރު އަހަރަށް އެކުދީން ތަމްރީން ފުރިހަމަ ކުރުމަށް މަޑުކުރުވަން،" މަރޭ ވިދާޅުވިއެވެ.

މަރޭ ވިދާޅުވީ، އޮލިމްޕިކް ކޮމެޓީން މިހާރު ހިންގާ ޕްރޮގްރާމް ތަކުގެ މަގުސަދަކީ 2020 ވަނަ އަހަރުގެ އޮލިމްޕިކްސް ގޭމްސް އަށް އެތުލީޓުން ތައްޔާރު ކުރުން ކަމަށެވެ.