07 Sep 2016, 13:06
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން އިސްނަގައިގެން 'ޕާޓްނާސް އޮފް އެމްވީ ސްޕޯޓްސް' ނަމުގައި ރާއްޖޭގެ ކުޅިވަރު އެތުލީޓުންނަށް ތަމްރީން ހޯދައިދިނުމަށް ހިންގާ ހަރަކާތުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބައިވެރިވެ އެއް އަހަރުގެ ސްޕޯޓްސް ސްކޮލަޝިޕެއް އެތުލީޓަކަށް ދިނުމަށް ނިންމައިފިއެވެ.
އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޮލިމްޕިކް ކޮމެޓީން ދިން 'ބެޓަން' އާ ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އެ އެސްޓީއޯގެ ޗެއާމަން އަހުމަދު ނިޔާޒް ވިދާޅުވީ 'ޕާޓްނާސް އޮފް އެމެވީ ސްޕޯޓްސް'ގައި އެސްޓީއޯ އިން ބައިވެރިވީ ރާއްޖޭގެ ކުޅިވަރު މައިދާނުގައި ހަރަކާތްތެރިވާ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް އެހެން ހަރުފަތަކަށް ގެންދިއުމުގެ މަގުސަދު ގައި ކަމަށެވެ.

އޮލިމްޕިކް ކޮމެޓީގެ ފަރާތުން މަރޭ އެސްޓިއޯގެ ޗެއާމަން ނިޔާޒް އާ ބެޓަން ހަވާލު ކޮށްދެއްވަނީ --- ސަން ފޮޓޯ: މުއާވިއަތު އަންވަރު
"މި ސަރުކާރުގެ ވަރަށް ބޮޑު ވައުދެއް އެއީ ކުޅިވަރު އެތުލީޓުން ކުރިއެރުވުމަކީ. އެހެންވެ އެންމެ ކުރީބައިގައި އިސްނަގައިގެން އެސްޓިއޯއިން މި ޕްރޮގްރާމްގައި މި ބައިވެރިވީ،" ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ ކުޅިވަރު އެތުލީޓުންނަށް ރާއްޖޭގައި ލިބެންހުރި ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ އެތުލީޓުން ތަމްރީން ހޯދުމަށް ބޭރުގައުމުތަކަށް ދާން ޖެހޭ އިރު އެކަމަށް ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަށާއި އެހެން ކަމުން ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުން މި ޕްރޮގްރާމްގައި ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޮލިމްޕިކް ކޮމެޓީގެ ޖެނަރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގް (މަރޭ) ވިދާޅުވީ 'ޕާޓްނާސް އޮފް އެމްވީ ސްޕޯޓްސް' ހަރަކާތް ފެއްޓެވުމާއި އެކު އެންމެ ފުރަތަމަ އިސްނެގި ކުންފުންޏަކީ އެސްޓީއޯ ކަމަށާއި ރާއްޖޭގައި ހިނގާ ހުރިހާ ކުޅިވަރެއްގައި ވެސް އެސްޓިއޯގެ ބައިވެރިވުން ހިމެނޭ ކަމަށެވެ.